އައްޑޫ މެޑިސިޓީން މޯބައިލް އެޕެއް ތައާރަފުކޮށްފި

އައްޑޫ ފޭދޫގައި ހިންގާ "އައްޑޫ މެޑިސިޓީ" ކްލިނިކްގެ ކަސްޓަމަރުންނަށް ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފު ކޮށްފި އެވެ.


މި އެޕް ތައާރަފު ކޮށްދެއްވީ އިއްޔެ ބޭއްވި ރަސްމިޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދް ނިޙާދެވެ.

މިއީ، ޓެކްނޮލޮޖީގެ ގޮތުން ލިބޭ ކުރިއެރުންތައް ފަސޭހަކަމާ އެކު އާންމުންނަށް ފޯރުކޮށްދިނުމުގެ ގޮތުން ހަދާފައިވާ އެޕްލިކޭޝަނެކެވެ.

އެޕްލިކޭޝަނުން ލިބޭނެ ހިދުމަތްތައް:

1- ޓޯކެން ނަމްބަރު ބެލުން.

2- ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހެއްދުން.

3- ތަނުން ލިބޭ ހިދުމަތްތަކުގެ ތަފްސީލުތައް ހޯދުން.

4- ޑޮކްޓަރުންގެ ޝެޑިއުލް ބެލުން.

5- ވިޒިޓިން ކޮންސަލްޓޭޝަންތަކަށް އަންނަ ޑޮކްޓަރުންގެ މައުލޫމާތު ހޯދުމާއި އެޕޮއިންޓްމަންޓް ހެއްދުން.

6- ކްލިނިކްގައި ކުރިއަށް ގެންދާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ހޯދުން.

އައްޑޫ މެޑިސީޓިން ބުނީ މި އެޕްލިކޭޝަން ހަދާފައި ވަނީ އައްޑު އަކީ ބޮޑު އަތޮޅަކަށް ވެފައި، އެ ކްލިނިކުން ޚިދުމަތް ހޯދުމަށް އަތޮޅުތެރެއިން ދާ ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދައި އިތުރު ވަގުތު ކްލިނިކްގައި ހޭދަނުވެ، ޚިދުމަތް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

އައްޑޫ ހުޅުމީދޫ އާއި ފުވައްމުލަކުގައި އުޅޭ މީހުންނަށް ރަށުގައި ތިބެގެން، އައްޑޫ މެޑިސިޓީގެ ޑޮކްޓަރުންގެ މައުލޫމާތު ބެލުމަށް ފަހު އެޕޮއިންޓްމަންޓް ހައްދައި، އެ ދުވަހުން އެ ދުވަހަށް ޚިދުމަތް ހޯދުމުގެ ފުރުސަތު އެޕްގެ ޒަރީއާ އިން ފަހިވާނެ ކަމަށް އެ ކްލިނިކުން ބުނެ އެވެ.

އައްޑޫ މެޑިސިޓީ އެޕް.

މީގެ އިތުރުން، އިން ހައުސް އަދި ވިޒިޓިން ޑޮކްޓަރުނަށް ސުވާލު ހުށަހަޅައި، މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަން މެދުވެރިކޮށް، ކްލިނިކަށް ގުޅައިގެން އެކަން ކުރެވޭނެ ކަމަށް ވެސް އައްޑޫ މެޑިސިޓީން ބުންޏެވެ.

އައްޑޫ މެޑިސިޓީގެ މި އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އެވެ.