ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ބޭއްވެވި އެކި ބައްދަލުވުންތަކުގައި ބައިވެރިވި މީހުން އެދުނު ގޮތަށް، ކްލިނިކްތަކުން އާސަންދަ ލިބޭނެ ގޮތް އަވަސް ކުރުމުގެ ކަންކަން ފަށާފައިވާ ކަމަށް އެންސްޕާ އިން ރޭ ބުނެފި އެވެ.
އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި އެންމެ ގިނަ ބަޔަކު ޝަކުވާ ކުރި ކަންތައްތަކުގެ ތެރޭގައި ބޭސްފަރުވާގެ ނިޒާމާއި އާސަންދައިގެ މައްސަލަތަކާ ގުޅޭ ކަންކަން ހިމެނެ އެވެ.
އެގޮތުން ބައެއް މީހުން ވަނީ އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން އެޕޮއިންޓްމަންޓް ލިބުން ލަސްވުމާއި ކިޔު ދިގުވުމުގެ ޝަކުވާ އަދި އާސަންދަ ނުދޭ ކްލިނިކްތަކަށް އާސަންދަ ދިނުމަށް ވެސް އެދިފަ އެވެ.
އެހެންވެ، އެންސްޕާއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި ލިބުނު ހިޔާލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކްލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތަށް ލިޔުންތަކާއި މައުލޫމާތު ފުރިހަމަކޮށް އިއްޔެގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތައް ވީ އެންމެ އަވަހަކަށް ޕްރޮސެސް ކުރަން ފަށާފައިވާ ކަމަށް އެންސްޕާ އިން ބުންޏެވެ.
އެ އިދާރާ އިން ކަނޑައަޅާފައި ވަނީ އެ ކްލިނިކުތަކަށް އަންނަ ޖެނުއަރީ މަހު 31 ގެ ކުރިން އާސަންދައިގެ ހިދުމަތް ފޯރުކޮށްދީ ނިންމާށެވެ.
އެ އިދާރާ އިން ރޭ ވަނީ ހިޔާލު ހުށަހެޅި ކަންކަމަށް ހައްލެއްގެ ގޮތުން އާސަންދަ މެދުވެރިކޮށް ސިއްހީ ފަރުވާދޭ ތަންތަނަށް ދައްކަން ޖެހޭ ބިލްތައް ދެއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.
ފިނޭންސް މިނިސްޓްރީއާ ގުޅިގެން ކުރަމުންދާ މަސައްކަތުގައި އެ ފައިސާ އަންނަ ޖެނުއަރީ މަހުގެ 31ގެ ކުރިން ދައްކައި ނިންމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެންސްޕާ އިން ބުންޏެވެ.