އާމްދަނީގެ ގޮތުގައި މަހަކު 60،000ރ. އަށް ވުރެ ގިނައިން ލިބޭ މީހުންނަށް އާސަންދައިގެ ފުލް ކަވަރޭޖު އަންނަ މަހުން ފެށިގެން ނުލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ. 

ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އާސަންދަ މިހާރު ދެނީ އެންމެ މުއްސަނދި މީހާ އާއި އެންމެ ފަގީރު މީހާއާ މެދު އެއްވެސް ތަފާތެއް ނެތި ފުލް ކަވަރޭޖު ކަމަށާއި އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. 

އެހެންކަމުން، މަހަކު 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންނަށް އާސަންދަ ދެން ލިބޭނީ "ކޯ-ޕޭ" އަދި "ޕްރީ-ޕޭ"ގެ އުސޫލުން ނުވަތަ ކޮންމެ އަހަރަކު ސަރުކާރަށް ފީއެއް ދައްކައިގެން ކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ވިދާޅުވީ މި ބަދަލާ އެކު ދައުލަތުގެ ބަޖެޓުން އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތްކޮށް ރައްޔިތުން ބޭނުންވާ އެހެން ކަންކަމަށް ހަރަދުކުރެވޭނެ ކަމަށެވެ.  

"އެހެންވީމާ މުއްސަނދިންނާއި، އިންކަމް ޓެކްސް ޕޭކުރާ ފަރާތްތައް މުއްސަނދިންނަށް ކޮންމެހެން އާންމުންނަށް މި ލިބޭ ގޮތަށް ހުރިހާ ކަމެއް ފްރީކޮށް ލިބޭކަށް ނުޖެހޭ. އެހެންވީމަ އެ ބަދަލު މި އަންނަ މަހުން ފެށިގެން ގެނެވޭނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، މަހަކު 60،000ރ. ލިބޭ މީހުންނަށް އާސަންދަ ފުލް ކަވަރޭޖު ނުލިބޭ ގޮތަށް ހެދުމުގެ އުސޫލު ކުރިއަށް އޮތް ތަނުގައި އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.

ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ހަރަދު ކުޑަކުރުމަށް މި ސަރުކާރުން ވަނީ މީގެ ކުރިން ވެސް ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެ ފިޔަވަޅުތައް އެޅީ ބަޖެޓުން ކޮންމެ އަހަރަކު އާސަންދައަށް ކަނޑައަޅާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ހަރަދު ކުރަން ޖެހޭތީ އެވެ.