އާސަންދައިގެ ދަށުން އެމްބިއުލާންސް ލިބޭނެ ހާލަތްތައް ބަޔާންކޮށް އާސަންދައިގެ ގަވާއިދަށް މިއަދު އިސްލާހު ގެނެސްފި އެވެ. 

ސަރުކާރުގެ ގެޒެޓުގައި ޝައިއުކޮށްފައިވާ ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދަށް ގެނައި ތިންވަނަ އިސްލާހުގައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ބޭއްވެވި ޕްރެސް ކޮންފަރެންސްގައި އިއުލާން ކުރެއްވި ގޮތަށް އާސަންދަ މެދުވެރިކޮށް އެމްބިއުލާންސް ހިދުމަތް ލިބޭނެ ގިނަ ހާލަތްތަކެއް ބަޔާންކޮށްފަ އެވެ. 

އެ ހާލަތްތަކަކީ؛

  • އިމަޖެންސީގައި ނުވަތަ ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދާ މީހުން 
  • މައްޔިތުން އުފުލުން 
  •  އެނދުމަތިކޮށްފައިވާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެނެވޭ ހާލަތްތައް
  •  ވީލްޗެއާގައި ގެންގުޅޭ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތް ނެގުމަށް ގެންދާ ހާލަތާއި އެކި ކަހަލަ ޑިސްއެބިލިޓީ ހުންނަ މީހުން. އޭގެ ތެރޭގައި، ފިޒިކަލް ޑިސްއެބިލިޓީ އާއި މެންޓަލް ޑިސްއެބިލިޓީ އަދި އޯޓިޒަމް ޑައުންސިންޑްރޯމް ކަހަލަ ކަންކަން ހުންނަ މީހުންނަށް ވެސް އައުޓްޕޭޝަންޓް ހިދުމަތަށް ދިއުމަށް އާސަންދައިން އެމްބިއުލާންސް ލިބޭނެ 
  • ސިއްހީ މަރުކަޒުގައި ފަރުވާ ހޯދާ މީހުން އެހެން މަރުކަޒަކަށް ފަރުވާއަށް ގެންދަންޖެހޭ ހާލަތުގައި
  •  އިވެކުއޭޓް ކުރެވޭ ހާލަތުގައި ނުވަތަ ބަލި މީހާ ރާއްޖެއިން ބޭރަށް ރިފާކުރެވޭ ހާލަތުގައި އެއާޕޯޓަށް ނޫނީ ޖެޓީއަށް ގެންދިއުމަށް އާސަންދައިން އެމްބިއުލާންސް ހަމަޖެހޭނެ
  • ތެލެސީމިއާ ބަލި ތަހައްމަލުކުރާ މީހުންނަށް އައުޓްޕޭޝަންޓް ހިދުމަތަށް ގެންދެވޭ ހާލަތުގައި

ގަވާއިދަށް ގެނައި މި އިސްލާހަށް މާދަމާއިން ފެށިގެން އަމަލުކުރަން ވަނީ ނިންމައިފަ އެވެ. 

އާސަންދައިގެ ދަށުން އެމްބިއުލާންސްގެ ހިދުމަތް ނުލިބޭތީ އެކަމުގެ ކަންބޮޑުވުންތައް އާންމުންގެ ފަރާތުން ލިބޭ ކަމަށާއި އެފަދަ އިންތިޒާމެއް ހަމަޖައްސައިދިނުމަށް އެދެމުން އަންނަ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ. 

ރައީސް ވިދާޅުވީ އެ ބަދަލާ އެކު ވަރަށް ގިނަ ލުއިތަކެއް އާންމުންނަށް ލިބޭނެ ކަމަށެވެ. 

އެ ނިންމެވުން ނިންމެވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާ ކުރައްވައި އެކަމާ ގުޅޭ ބަޖެޓާއި އޮޕަރޭޝަނަލް ކަންކަމާއި ޓެކްނިކަލް މަޝްވަރާތަކަށް ފަހުގައި ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.