ރާއްޖޭގައި ލިބެން ހުންނަ ފަރުވާތައް ވެސް ބަލިމީހާގެ ހާލަތަށް ބަލައި، ރާއްޖެ އިން ބޭރުން އާސަންދަ ލިބޭގޮތް ހަމަޖައްސައިފި އެވެ.

އާސަންދަ ސްކީމް ހިންގުމުގެ ގަވައިދަށް އިއްޔެ ގެނައި އިސްލާހުގައި ބުނީ ބަލީގެ ބާވަތާއި މީހާގެ ހާލަތާއި ރާއްޖޭގައި ލިބެން ހުއްޓަސް ފަރުވާ ހޯދުމުގައި ދަތިވުން އަދި ވަށައިގެންވާ އެހެނިހެން ކަންތައްތަކަށް ރިއާޔަތްކޮށް، ރާއްޖެ އިން ބޭރަށް ދިއުމަށް އާސަންދަ ދެވޭނެ ކަމަށެވެ. 

އެގޮތަށް ފޮނުވޭނީ އާސަންދަ ސްކީމްގައި އެމްޕެނަލް ވެފައިވާ ބޭރުގެ ހޮސްޕިޓަލަކަށެވެ. އަދި އެ ފަރުވާއަކީ އާސަންދައިގައި ރަޖިސްޓްރީ ކޮށްފައި ނުވާ ހިދުމަތަކަށް ވިޔަސް އެ ސްކީމުން އެހީ ދެވޭނެ ކަމަށް ބުންޏެވެ.

އެ ސްކީމްގެ ދަށުން މިހާތަނަށް ރިފަރެލް ދެމުން އައީ ރާއްޖެ އިން ނުލިބޭ ފަރުވާތައް ހޯދަން އެކަންޏެވެ. ނަމަވެސް، އަލަށް ގެނައި ބަދަލާ އެކު، މީހާގެ ހާލަތަށް ބަލައި ބޭރަށް ފޮނުވޭނެ އެވެ.

ގަވާއިދު ކުރިން އޮތްގޮތުން އެހެން ތަނަކަށް ރިފަކުރުމުގެ ހުއްދަދެވޭނީ އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓަރީކޮށްފައިވާ އަދި އެ ބައްޔެއްގެ ހާއްސަ ޑޮކްޓަރުން ތިބޭ  ތަންތަނަށެވެ.

ނަމަވެސް، އަލަށް ގެނައި އިސްލާހުގައި ބުނީ ރިފާ ކުރުމުގެ ހުއްދަ ދޭނީ އެ ބައްޔެއްގެ ހާއްސަ ޑޮކްޓަރުން ތިބޭ އާސަންދަ ސްކީމުގެ ދަށުން ހިދުމަތް ދިނުމަށް ރަޖިސްޓަރީ ވެފައިވާ ހިދުމަތްދޭ ތަންތަނަށެވެ. އެކަމަކު، އެ ބައްޔެއްގެ ހާއްސަ ޑޮކްޓަރެއް އެ އަތޮޅެއްގައި ނުވަތަ ރަށުގައި ނެތް ހާލަތުގައ،ި ކުންފުނިން ހުއްދަދޭ ޑޮކްޓަރަކަށް ރިފަކުރުމުގެ ހުއްދަ ދެވިދާނެ ކަމަށް ބުންޏެވެ.