ސްރީ ލަންކާގެ އިތުރު ހޮސްޕިޓަލަކުން ދިވެހިންނަށް އާސަންދައިގެ ހިދުމަތް ލިބޭ ގޮތަށް ސަރުކާރުން ހަމަޖައްސައިދީފި އެވެ.  

ކޮލޮމްބޯގައި ހުންނަ ކިންގްސް ހޮސްޕިޓަލުން ބުނީ އެ ތަނުން އާސަންދައިގެ ދަށުން މިދިޔަ މަހުން ފެށިގެން ބަލި މީހުންނަށް ފަރުވާ ދޭން ފަށާފައިވާ ކަމަށެވެ.

އެ ގައުމުގެ އިތުރު ހޮސްޕިޓަލަކަށް އާސަންދަ ދޭން ފެށިއިރު، މި ފަހުން ލަންކާ ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލި އެވެ.

އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ "މިހާރު" އަށް އޭރު ވިދާޅުވީ ކޮލޮމްބޯގައި ހުންނަ ހޮސްޕިޓަލާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ އެއްބަސްވުންތައް މީގެ ކުރީ ފަހަރުތަކުގައި އާކުރި ކަމަށެވެ. ނަމަވެސް، އެ ފަހަރު އެއްބަސްވުން އާ ނުކުރީ ދެ ފަރާތުން ވެސް ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ. 

ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ފަރުވާ ހޯދާ ހޮސްޕިޓަލަށް އާސަންދަ މެދުކަނޑާލުމުން، ހިދުމަތް ހޯދާ ގިނަ ބަޔަކު އެ ދުވަސްވަރު ހިތްހަމަނުޖެހުން ފާޅުކުރި އެވެ.

ދިވެހިން ފަރުވާއަށް ފޮނުވަން އާސަންދައިން ވަނީ ބޭރުގެ 63 ހޮސްޕިޓަލަކާއެކު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ލަންކާގެ ނުވަ ހޮސްޕިޓަލެއް ހިމެނެ އެވެ.