ލަންކާ ހޮސްޕިޓަލާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިޔާ "މިހާރު" އަށް މިއަދު ވިދާޅުވީ ސްރީ ލަންކާގެ ކޮލޮމްބޯގައި ހުންނަ ހޮސްޕިޓަލާ އެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން، އެ އެއްބަސްވުންތައް މީގެ ކުރީ ފަހަރުތަކުގައި އާކުރި ކަމަށެވެ. ނަމަވެސް، މި ފަހަރު އެއްބަސްވުން އާ ނުކުރީ ދެ ފަރާތުން ވެސް ހުށަހެޅި ކަންކަމަށް އެއްބަސްނުވެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ލަންކާގައި ދިރިއުޅޭ ގިނަ ދިވެހިން ފަރުވާ ހޯދާ ހޮސްޕިޓަލަށް އާސަންދަ މެދުކަނޑާލުމުން، ހިދުމަތް ހޯދަން އެ ހޮސްޕިޓަލަށް މިއަދު ދިޔަ ބަޔަކު ވަނީ ހިތްހަމަނުޖެހުން ވެސް ފާޅުކޮށްފަ އެވެ.
ޒީނިޔާ ވިދާޅުވި ގޮތުގައި ލަންކާ ހޮސްޕިޓަލުގައި ފަރުވާ ހޯދާ ދިވެހިންނަށް، އެ ގައުމުގައި އާސަންދަ ލިބޭ އެހެން ހޮސްޕިޓަލްތަކުން ހިދުމަތް ކުރިއަށް ގެންދެވޭނެ އެވެ.
ދިވެހިން ފަރުވާއަށް ފޮނުވަން އާސަންދައިން ވަނީ ބޭރުގެ 60 ހޮސްޕިޓަލަކާއެކު ވަނީ ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ލަންކާގެ 8 ހޮސްޕިޓަލެއް އޭގެ ތެރޭގައި ހިމެނެ އެވެ.