ފުވައްމުލަކު 3 ސަރަހައްދެއް 24 ގަޑިއިރު ވިޔަފާރިއަށް ހުޅުވާލައިފި

ފުވައްމުލަކު ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމަށް ހުޅުވާލާ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.


އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ފުވައްމުލަކުގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނީ ތިން ސަރަހައްދެއްގައި ކަމަށެވެ. މި ހުއްދަ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު އެ މިނިސްޓްރީން ވަނީ ހުޅުވާލައިފަ އެވެ.

ހުއްދަ ދީފައިވާ ސަރަހައްދުތައް

- ޣާޒީ މަގު / ފުވައްމުލަކު މެދު ދާއިރާ.

- މުޙައްމަދު ޖަމާލުއްދީން މަގު / ފުވައްމުލަކު ދެކުނު ދާއިރާ.

- ގެއްމިސްކިތްމަގު / ފުވައްމުލަކު އުތުރު ދާއިރާ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ސަރަހައްދުތަކުގައި 24 ގަޑައިރު ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ފުވައްމުލަކު ސިޓީ ކައުންސިލަށް ކަމަށެވެ. މި ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އަށް އެދި ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.

މިހާތަނަށް މާލެ އާއި ހުޅުމާލެ އަދި އައްޑޫ ސިޓީގެ ބައެއް ސަރަހައްދުތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ވަނީ ދޫކޮށްފަ އެވެ. މި ހުއްދަ ދީފައިވާ ތަންތަނުން ނަމާދު ވަގުތު ނޫން އެހެން ހުރިހާ ވަގުތެއްގައި ހިދުމަތް ދޭން ޖެހޭނެ އެވެ.