މާލޭގައި 24 ގަޑިއިރު ހިންގުމަށް ތިން ކެފޭ އަކަށް ހުއްދަ ދީފި

މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށް ތިން ކެފޭ އަކަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަ ދީފި އެވެ. މިއީ 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ ދިނުމަށް މި ސަރުކާރުން ނިންމުމާ ގުޅިގެން މާލޭގައި އެ ހުއްދަ ދިން ފުރަތަމަ ތިން ތަނެވެ. އެކަމަކު، އަދި އެއްވެސް ފިހާރަ އަކަށް އެ ހުއްދައެއް ނުދެ އެވެ.


އިކޮނޮމިކް މިނިސްޓްރީން ބުނީ މާލޭގައި 24 ގަޑިއިރު ހިދުމަތް ދިނުމަށް ހުއްދަ ދިނީ ސީ ހައުސް ރެސްޓޯރެންޓާއި ސޯސަން މަގުގައި ހުންނަ ސެފްރޯން ކެފޭ އަދި މާފަންނު ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޓުވީޓު

އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ހަ ފަރާތަކުން 24 ގަޑިއިރު ހިދުމަތް ދިނުމަށް ވަނީ އެދިފަ އެވެ. ބާކީ ތިން ތަނަށް ހުއްދަ ދޭނެ ދުވަހެއް އެ މިނިސްޓްރީން ނުބުނެ އެވެ.

އިކޮނޮމިކް މިނިސްޓްރީން ވަނީ 24 ގަޑިއިރު ވިޔަފާރި ހިންގޭނެ ތަންތަން ހުންނަން ޖެހޭ މަގުތައް ހާމަކޮށްފަ އެވެ. އެގޮތުން، މާލޭގެ ބޮޑެތި މަގުތަކުގައި ފިހާރަތައް ހުޅުވުމުގެ ފުރުސަތު އެބަ އޮތެވެ.

ފިހާރަތަކާއި ރެސްޓޯރެންޓް/ކެފޭ 24 ގަޑިއިރަށް ހިންގަން ހުއްދަ ދިނުމުގައި ހާއްސަ ޝަރުތުތަކެއް ވަނީ ކަނޑައެޅިފަ އެވެ.

އެއީ:

- އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުން.

- 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުން.

- ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން.

- ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން.

އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ އެއްވެސް ފްރެންޗައިޒްއަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ.

ދަންވަރު ވިޔަފާރި ހިންގުމުގެ ހުއްދަ ދެނީ އަހަރަކު 2،000ރ. ގެ ފީއަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފްވާ ނަމަ، ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.