ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގެ ޕައިލިން މަސައްކަތް ނިމިއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގެ ޕައިލިން މަސައްކަތް ނިންމައި، ފައުންޑޭޝަނާ ގުޅޭ ކަންކަން ފަށައިފި އެވެ.


އާ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން މިދިޔަ ޖޫން 27 ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި އަލުން ސޮއިކޮށް އަމަލީ މަސައްކަތް ފަށައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެސޯސިއޭޓް ޖެނެރަލް މެނޭޖަރު ހަސަން އަރީފް ވިދާޅުވީ، ޕައިލިންގެ މަސައްކަތް ނިންމައި ފައުންޑޭޝަނާ ގުޅޭ ކަންކަން ވަރަށް ބާރަށް ކުރިއަށް ދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް ކުރިއަށް ގެންދަނީ ހަމަޖެހިފައިވާ ތާވަލާ އެއްގޮތަށް ކަމަށެވެ. އެގޮތުން މިހާތަނަށް އާ ޓާމިނަލް ސަރަހައްދުގައި 1،600 ޕައިލް ކޮށްފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.

"ފައުންޑޭޝަން ނިމުމުން ޕްރީ ފެބްރިކޭޓެޑް މެޓީރިއަލް ގެނެސް އަތުރާލެވޭނެ. އަދި ރާނާ ބައިތައް ރޭނުމުގެ މަސައްކަތް ވެސް ކުރާނެ،" އޭނާ ވިދާޅުވި އެވެ.

ގާތްގަނޑަކަށް 78،000 ސްކެއާ މީޓަރުގެ ޖާގަ ހިމެނޭ އާ ޓާމިނަލް ހަދަނީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ގޮތަށެވެ. އެ ޓާމިނަލްގައި 28 އެރައިވަލް ކައުންޓަރާއި 50 ޑިޕާޗާ ކައުންޓަރު ހިމެނޭނެ އެވެ. އަދި 10 ސްކީރިން މެޝިނާއި 10 ގޭޓް ހުންނާނެ އެވެ.

ޓޫރިސްޓު ރިސެޕްޝަންތަކަށް ހާއްސަ ސަރަހައްދަކާއި 19 ރިސޯޓް ލޯންޖާއި 1،800 އަކަމީޓަރުގެ ވީއައިޕީ ލައުންޖެއް ހުންނާނެ އެވެ. މި ޓާމިނަލްގެ އެތެރެއިން ދިވެހި ވަންތަ ސިފަތައް ފެންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެ އެވެ.

އާ ޓާމިނަލްގެ މަޝްރޫއު 2022 ވަނަ އަހަރު ނިންމާލާއިރު 5.5 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެ އެވެ.