އެމްއައިބީގެ ހިއްސާ ވިއްކުމުގެ މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ވިއްކުމުގެ މުއްދަތު މި މަހުގެ 22 ގެ ނިޔަލަށް އިތުރުކޮށްފި އެވެ.


ހިއްސާ ވިއްކަން ކުރިން ކަނޑައަޅާފައި އޮތީ މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ނަމަވެސް އެމްއައިބީން ބުނީ މުއްދަތު އިތުރުކުރީ މިދިޔަ ޖުލައި 28 އާއި އޯގަސްޓް 15 އަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅުމުން އޭގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ.

އެމްއައިބީގެ އައިޕީއޯ ޕްރޮސްޕެކްޓަސްގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކުމުގެ މުއްދަތަކީ 35 މާކެޓު ދުވަހެވެ. ނަމަވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ދެ ދުވަސް ކަނޑައެޅުމުން އިތުރު ދެ ދުވަސް ހަމަޖެއްސީ ކަމަށް އެމްއައިބީން ބުނެ އެވެ.

އެމްއައިބީ ޕަބްލިކް ކުންފުންޏަކަށް ހަދައި އާންމުންނަށް ހިއްސާ ވިއްކަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 28 ގަ އެވެ. އެގޮތުން އެ ބޭންކުގެ 6.9 މިލިއަން ހިއްސާ ވިއްކުމަށް ވަނީ ހުޅުވާލައިފަ އެވެ. މިހާރު ވެސް އެކި ކުންފުނިތަކުންނާއި ކައުންސިލްތަކުން އަދި އަމިއްލަ ފަރާތްތަކުން އަންނަނީ އެމްއައިބީގެ ހިއްސާ ގަންނަމުންނެވެ.

އެމްއައިބީގެ ހިއްސާ ވިއްކުމަށް ހާއްސަ ކަލެކްޝަން ސެންޓަރެއް މާލޭގައި ގާއިމްކޮށްފައިވާއިރު އެ ބޭންކުގެ މައި އިދާރާއިންނާއި ރަށްތަކުގައި ހުންނަ ބްރާންޗުތަކުން ވެސް ހިއްސާ ގަނެވޭނެ އެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ އިންފިނިޓީ ޕޯޓަލް މެދުވެރިކޮށް ވެސް ހިއްސާ ގަނެވޭނެ އެވެ.