22 މެއި 2025 - 18:11
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން 1.4 މިލިއަނަށް ވުރެ ގިނަ ބޯނަސް ހިއްސާ އެ ބޭންކުގެ ހިއްސާދާރުންނަށް ދޫކޮށްފި އެވެ.
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލްފްލެޖް އިސްލާމިކް ބޭންކުން ބުނީ، އެ ބޭންކުގެ 1،464،338 އާންމު ހިއްސާ، ބޯނަސް ހިއްސާގެ ގޮތުގައި ލިސްޓުކުރުމުގެ ހުއްދަ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ދީފައިވާ ކަމަށެވެ.
މި ބޯނަސް ހިއްސާތައް ލިސްޓުކޮށްފައިވަނީ މޫނުމަތީ އަގު 10ރ. ގެ މަގުންނެވެ.
މިއީ މި މަހު ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި، މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ބަހަން 50 ޕަސެންޓު ކޭޝް ޑިވިޑެންޑް ގޮތުގައި ދިނުމަށް ނިންމުމާ ގުޅިގެން ދޫކުރި ހިއްސާތައް ކަމަށް އެމްއައިބީން ބުންޏެވެ.
ބޭންކުން މިހާރު އަންނަނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) މެދުވެރިކޮށް ހިއްސާދާރުންގެ ސެކިއުރިޓީޒް ޑިޕޮސިޓަރީ އެކައުންޓަށް މި ހިއްސާތައް ޖަމާކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި މި މަހުގެ 29 ގެ ކުރިން އެ މަރުހަލާ ނިމޭނެކަމަށް ވެސް އެމްއައިބީން ބުންޏެވެ.
މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި 103 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފި އެވެ.
ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ހުށަހެޅީ ހިއްސާއަކަށް 4.58ރ. އެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 58 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ އަހަރަކީ އެމްއައިބީ އަށް ކާމިޔާބު އަހަރެއްގެ ގޮތުގައި އެ ބޭންކުން ސިފަ ކުރެ އެވެ. މިދިޔަ އަހަރު ވަނީ އާ ސާވިސް ސެންޓަރުތަކާއި ޑިޖިޓަލް ބޭންކިންގެ ވަސީލަތްތައް ފުރިހަމަކޮށް، އެމްއައިބީގެ ހިދުމަތްތައް ފުޅާކޮށްފަ އެވެ. އަދި މިދިޔަ އަހަރު އެ ބޭންކަށް ބައިނަލްއަގްވާމީ ތިން އެވޯޑެއް ލިބުނެވެ.
އެމްއައިބީއަކީ ރާއްޖޭގައި ޑިޖިޓަލްކޮށް ހުރިހާ ހިދުމަތެއް ދޭން ފެށި ފުރަތަމަ ބޭންކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނސދޖ
22 May 2025
ލިސްޓް ކުރުމަކީ ކޮބާ؟
ޢާސިފް
22 May 2025
މި ބޯނަސް ލިބެނީ ހިއްސާ ގަނެފަ ތިބި މީހުންނައްތޯ ނުވަތަ އިސްލާމިކް ބޭންކު އެކައުންޓުގަ ރުފިޔާ ހުރި މީހުންނައްތޯ
ސަނދުބަރަކަ
22 May 2025
ހިއްސާދާރުންނަށް