ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ނަރުދަމާ އާއި ފެންހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިއްކާފައިވާ ސަރަހައްދުގައި އިމާރާތް ކުރާ ތަންތަނަށް ނަރުދަމާ އާއި ފެނުގެ ޚިދުމަތް ދިނުމަށްޓަކައި ހޮޅި ވަޅުލުމުގެ މަސައްކަތް ފަށައިފި އެވެ.


ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު މިއަދު ވިދާޅުވީ ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހިންގާ ކެފޭ/ރެސްޓޯރެންޓުތައް ހުސްކުރުމާ އެކު، ހޮޅި ވަޅުލުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށާފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް މިހާރު 300 މީޓަރަށް ހޮޅި ވަޅުލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ކުންފުނީގެ އެއްވެސް ހުއްދައެއް ނެތި، ބީޗު ސަރަހައްދުގައި ހިންގަމުން ދިޔަ ކެފޭ/ރެސްޓޯރެންޓުތައް ހުސްކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެތަން ހުސްކުރަން އެޗްޑީސީން އެއް މަސް ދުވަހުގެ ނޯޓިސް އެއް ދިނެވެ.

އެ ސަރަހައްދުގައި ފަސް ހޮޅިއެއް ވަޅުލާއިރު މަސައްކަތަށް 8-12 މަސް ނަގާނެ ކަމަށް އެމްޑަބްލިއުއެސްސީން ވަނީ ކުރިން ބުނެފަ އެވެ.

"ޝެޑިއުލާ އެއްގޮތަށް، ޕްލޭން ކޮށްފައިވާ ގޮތަށް މަސައްކަތްތައް އެބަ ކުރިއަށްދޭ،" ސުހައިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީޗް ސަރަހައްދު ބޭނުންކުރުމާ ގުޅޭގޮތުން އަދި ވަކި ޕްލޭނެއް އަދި ނެތެވެ. ހޮޅި ވަޅުލައި ނިމުމުން އެކަމާ ގުޅޭ ގޮތްތަކެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހިންގި ކެފޭ/ރެސްޓޯރަންޓުތައް ނެގުމުން، މިހާރު އެ ތަން އާންމުން ބޭނުން ކުރަނީ ހިތްހަމަޖައްސާލާ މައިދާނެއްގެ ގޮތުގަ އެވެ.