ދިރާގު: ހިދުމަތުގައި 31 އަހަރު، ތަރައްގީގައި މުހިއްމު ބައިވެރިއެއް

މުއާސަލާތީ ހިދުމަތަކީ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބެވެ. މި ޒަމާނުގައި މި ހިދުމަތާ ނުލައި އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަކީ ނާދިރު ކަމެކެވެ. ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުން މަދު މީސްކޮޅެއް ދިރިއުޅޭ ގައުމެކެވެ. އެހެންވެ، މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދި ވަކިން ހާއްސަކޮށް މުއާސަލާތީ އިންފްރާސްޓްރަކްޗަ ގާއިމު ކުރުމުގައި، އެހެން ގައުމުތަކާ ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް އޮތް ގައުމެކެވެ. އަދި ހަމަ އެހެންމެ މިއީ މިކަމަށް ކުރަންޖެހޭ ހޭދަ ވެސް ނުހަނު ބޮޑު ކަމެކެވެ.


މި އިންފްރާސްޓަރަކްޗާތައް ބިނާކޮށް، ބޭނުންވާ އިންވެސްޓްމަންޓްތައް ކޮށް މި ކުޑަ ޖަޒީރާ ރާއްޖެ ދުނިޔޭގެ ބޮޑެތި ގައުމުތަކާ ގުޅުވާދިނުމުގެ ފަހަތުގައިވަނީ މިއަދު 31 އަހަރު ދުވަހުގެ ފަހުރުވެރި ގައުމީ ހިދުމަތް ފާހަގަކުރަމުންދާ ދިވެހި ރާއްޖޭގެ ގުޅުން ނުވަތަ ދިރާގެވެ.

ދިރާގުން އެންމެ ފުރަތަމަ ހިދުމަތް ދޭން ފެށި އިރު ނެޓްވޯކް ގުޅުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ:ދިރާގު

އިންޑިޔާ ކަނޑުގައި އެތައް ސަތޭކަ ރަށެއްގެ މައްޗަށް އެކުލެވޭ ގައުމުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތަކީ ވަރަށް ވެސް ބޮޑު ގޮންޖެހުމެއް ކަން ޔަގީނެވެ. ނަމަވެސް ދިރާގު އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، ރާއްޖެ ފަދަ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ވަކިވަކި ޖަޒީރާ، ރަށްތަކަކަށް، ޓެލެފޯނުގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެ ކުންފުނިން ކުރި ތަރައްގީގެ ވަރަށް ބޮޑު އަދި މުހިންމު ދަތުރެކެވެ. އަދި އެ މަސައްކަތް ނިމިގެންދިއުމާ އެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއް މުއާސަލާތީ ވިއުގައަކުން ގުޅި، އެތައް ރޮނގަކުން ކުރިއެރުންތައް ހޯދާނެ މަގު ހުޅުވިގެންދިޔަ އެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް މުއާސަލާތީ ހިދުމަތް ދިނުމުގެ ބޮޑު މަޝްރޫއު ދިރާގުން ކާމިޔާބު ކަމާއެކު ނިންމާލީ ކުރު މުއްދަތެއްގެ ތެރޭގަ އެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އަށް އިތުރު ހަލުވިކަމެއް އައެވެ. އެއާ އެކު އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި، ވިޔަފާރިތަކާއި ޓޫރިޒަމްގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުން ފޯރުކޮށްދިން މުއާސަލާތީ ހިދުމަތް ވެގެންދިޔަ އެވެ.

ދިރާގުން ރާއްޖެއަށް 4ޖީ ތައާރަފް ކުރުން. އެއީ އެންމެ ގިނަ ކަސްޓަމަރުން ހިމެނޭ ކުންފުނި-- ފޮޓޯ:ދިރާގު

މުއާސަލާތީ ރޮނގުން މުޅި އޭޝިއާ ސަރަހައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަން ސާބިތުވާ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތައާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައް ވެސް ދިރާގުން ރާއްޖެ އަށް ފޯރުކޮށްދިނުމެވެ. އަދި ހަމަ އެހެންމެ އެ އިރެއްގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ރާއްޖެއަށް ދިރާގުން ވަނީ ފޯރުކޮށްދީފަ އެވެ.

ރާއްޖޭގެ ޑިޖިޓަލް ލީޑަރު

ދިރާގަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް އަންނަ ބަދަލުތަކާ އެއް ބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ.

ދިރާގުން ވަނީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް ފުޅާ ދާއިރާއެއްގައި ދިނުމަށް ގިނަ މަސައްކަތެއްކޮށްފަ އެވެ. އެ ހިދުމަތުގެ ލިސްޓްގައި ހިމެނޭ ކަންތައް ވަރަށް ދިގެވެ. އެގޮތުން އެ ކުންފުނިން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާކޮށްފަ އެވެ. މީގެ އިތުރުން އެންމެ ފަހުގެ ޓެކްނޮލޮޖީއާ އެކު ފައިބަރ ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތް ވެސް އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެމުން އަންނަނީ ދިރާގުންނެވެ. މި ޚިދުމަތް މިހާރު އާބާދީގެ 75 ޕަސެންޓަށް ލިބެ އެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތް ވެސް ފެށީ ދިރާގުންނެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ އާބާދީގެ 72 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.

ދިރާގުގެ ހިއްސާ ފުރަތަމަ ފަހަރަށް އާންމުކޮށް ވިއްކުން އިއުލާނު ކުރަނީ-- ފޮޓޯ: ދިރާގު

ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، އޭގެ އިތުރުން ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅެއް 1253 ކިލޯމީޓަރުގެ އެފަދަ ކޭބަލަކުން އެންމެ ފުރަތަމަ ގުޅައިދިނީ ވެސް ދިރާގުންނެވެ. މި ކޭބަލް އެޅުމާ އެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވެ، ކަސްޓަމަރުންނަށް އެތައް ޚިދުމަތެއް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ.

މުއާސަލާތީ ހިދުމަތުގައި އެންމެ ކުރީ ސަފުގައި ދިރާގު ދެމިއޮތީ އެފަދަ އެތައް ސަބަބުތަކާ ހެދި އެވެ. ދިރާގުން ދަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތަށް ފަރުމާކުރަމުންނެވެ. އެގޮތުން މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވައި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖް ވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރީ ހަމަ އެ ކުންފުނިންނެވެ. 5ޖީ ހިދުމަތް މިހާރު ލިބެމުން ދަނީ ދުނިޔޭގެ ވަރަށް މަދު ގައުމެއްގަ އެވެ. އެހެން ކަމުން، މިފަދަ ޒަމާނީ ހިދުމަތެއް ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުން ވެގެން ދިޔައީ ދިވެހި ރާއްޖެ އަށް ވެސް ޓެކްނޮލޮޖީގެ ދާއިރާއިން ލިބުނު ވަރަށް ބޮޑު ކުރިއެރުމަކަށެވެ.

ދިރާގުން ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ބައިވެރިންނާ އެކު-- ފޮޓޯ: ދިރާގު

ދިރާގުގެ ހިދުމަތަށް މިއަދު 31 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިކަން ޔަގީނެވެ. "އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.

މިއީ ދިވެހިންގެ ކުންފުނި

ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. އެ ކުންފުނި 99 ޕަސެންޓް ދިވެހި މުވައްޒަފުންނާ އެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދުވާނެ އެވެ. މިއީ ދިވެހިންގެ ލެއާ ގުޅިފައިވާ ދިވެހި ކުންފުންޏެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ މަގުބޫލު އަދި މީހުންނާ އެންމެ ގާތްކޮށް ދެކޭ އެއް ބްރޭންޑަކީ ދިރާގެވެ.

ދިރާގަކީ ކަސްޓަމަރުންނާ ގާތް ގުޅުމެއް އޮންނަ ދިވެހިން އިތުބާރުކުރާ އަދި ލޯބިވާ ކުންފުންޏެކެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުން ވެސް ގިނަ ކަސްޓަމަރުން ދިރާގު އިޙްތިޔާރުކޮށް ދިރާގާ އެކު ދެމި ތިބުމުންނެވެ. މި ކަމުން ރަމްޒުކޮށްދޭ މުހިންމު އެއްކަމަކީ، ދިރާގަކީ ކަސްޓަމަރުން އިތުބާރުކުރާ އަދި ކަސްޓަމަރުންގެ މެދުގައި އެންމެ މަގުބޫލު މުއާސަލާތީ ކުންފުނިކަމެވެ.

ދިރާގުން ނެޓްވޯކް ގުޅާލުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ: ދިރާގު

އިޖުތިމާއީ ރޮނގުގައި ދިރާގު

ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކުންފުންޏެވެ.

އެގޮތުން ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މައިގަނޑު އެއް ތަނބެވެ. މިހާރު ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ވެސް ފާއިތުވި 8 އަހަރު ދުވަހު ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އަންނަ ރޭހެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވެ އެވެ.

ދިރާގުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާނު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް އަމާޒުކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތައް ވެސް ބާއްވަމުންނެވެ. މިއީ ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާރުވެރިކުރުވައި، ކުޅިވަރުގެ މައިދާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިދުމަށް ރާއްޖޭގައި ހިންގާ ހަމައެކަނި ހަރަކާތެވެ.

ދިރާގުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑުގައި ކުޑަކުދިންނަށް މަޖާކޮށްލެވޭ ކޯނަރެއް ހެދުމުގައި އެހީތެރިވެފައިވޭ-- ފޮޓޯ: ދިރާގު

ދިރާގުގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއް ދެނީ ޒުވާނުންނަށެވެ. އެގޮތުން ދިރާގުން ވަނީ ޒުވާނުން ބާރުވެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގަ އެވެ. މިގޮތުން ދިވެހި ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި، 2008 ވަނަ އަހަރުން ފެށިގެން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފާހަގަކޮށްލެވެ އެވެ.

އަދި ހަމަ އެހެންމެ، ތިމާވެއްޓާ މެދު ދިވެހިން ހޭލުންތެރިކުރުމުގެ ގޮތުން، އެއްފަހަރު ބޭނުން ކުރާ ޕްލާސްޓިކާ ދެކޮޅަށް އެންމެ ފުރަތަމަ އަމަލީ ގޮތުން ފިޔަވަޅުއަޅައި، މުއައްޒަފުންނަށާއި އާންމުންނަށް އަމާޒުކޮށް ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް އެންމެ ފުރަތަމަ ފެށި ކުންފުންޏަކީ ވެސް ދިރާގެވެ.

މިދިޔަ 31 އަހަރު ރާއްޖެ ވަނީ މުއާސަލާތީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހާސިލްކޮށްފަ އެވެ. ރާއްޖެ އަށް މިކުރިއެރުންތައް ގެނެސްދިނުމުގައި ދިރާގުން އަދާކޮށްފައި ވަނީ މުހިންމު ގައުމީ މަސްއޫލިއްޔަތެކެވެ. އަދި ވެސް އެ ކުންފުނި ދެމިއޮތީ އެގޮތުގަ އެވެ.