އިއާދަކުރަނިވި ހަކަތައާ ގުޅޭ ވޯކްޝޮޕެއް ސްޓެލްކޯއިން ފަށައިފި

އިއާދަކުރަނިވި ހަކަތައާ ގުޅޭގޮތުން "ފިއުޗާ އޮފް އެނާޖީ ސިސްޓަމް"ގެ ނަމުގައި ވަޓްސިލާ ކުންފުންޏާ ގުޅިގެން ސްޓެލްކޯއިން ވޯކްޝޮޕެއް ފަށައިފި އެވެ.


މިއަދު ކުރިއަށްގެންދާ މި ވޯކްޝޮޕުގައި ވަޓްސިލާގެ ތަޖުރިބާކާރުން މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދަން ކުރެވޭނެ މަސައްކަތާއި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. މި ވޯކްޝޮޕުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ބައިވެރިވެވަޑައިގެންނެވި އެވެ.

މި ވޯކްޝޮޕް ކުރިއަށްގެންދާ ވަޓްސިލާ ކުންފުންޏަކީ އިއާދަކުރަނިވި ހަކަތަ ފޯރުކޮށްދޭ ފިންލެންޑުގެ ކުންފުންޏެކެވެ. އެ ކުންފުނިން އަންނަނީ ދުނިޔޭގެ 100 ޕަސެންޓު ހަކަތަ، އިއާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުމަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.

ސްޓެލްކޯއިން ބުނީ މި ވޯކްޝޮޕަކީ ދުނިޔޭގެ އުފައްދާ ހަކަތައިގެ 100 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރުމަށް އެކި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖެއިން ބައިވެރިވެވޭނެ ގޮތްތައް ދެނެގަތުމަށް ކުރިއަށްގެންދާ ވޯކްޝޮޕެއް ކަމަށެވެ. މި ވޯކްޝޮޕުގައި، އިއާދަކުރަނިވި ހަކަތަ ބޭނުން ނުކުރާނަމަ ރާއްޖެ އަށް ވާނެ ގެއްލުމާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގައި ކުރިއަށްދާ މި ވޯކްޝޮޕުގައި ރާއްޖޭގެ ހަކަތަ އުފައްދާ ކުންފުނިތަކުގެ ބޭފުޅުންނާއި ކަމާ ބެހޭ އިދާރާތަކުގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.