ސްޕެއިންގެ ލަލީގާގައި ވާދަކުރާ ސެލްޓަވީގޯ ޖާޒީގައި 900،000 ޑޮލަރަށް ރާއްޖެ އިޝްތިހާރުކުރަން ނިންމައިފި އެވެ.
މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މިރޭ ސްޕެއިނަށް ފުރާވަޑައިގެންފަ އެވެ. ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި އަލީ ވަހީދު ވިދާޅުވީ، އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާސެލޯނާ އާއި ސެލްޓަވީގޯ ގުޅޭ މެޗަށް ނުކުންނާނީ ދިވެހިރާއްޖޭގެ އިޝްތިހާރު ޖެހި ޖާޒީގައި ކަމަށެވެ.
"މި އެއްބަސްވުމުގެ ދަށުން ސެލްޓަވީގޯގެ އޮފިޝަލް ސްޕޮންސާ އާއި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަންގެ މަގާމުގެ އިތުރުން ކުޅުންތެރިންގެ އޮފިޝަލް ޖާޒީ އާއި ޓްރެއިނިން ޖާޒީ އާއި ސްޓާފުންނާއި ޓްރެއިނިން ސްޓާފުންގެ ޔުނިފޯމުގައި ވިޒިޓް މޯލްޑިވްސް ލޯގޯ ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވިއްކަން ހުންނަ އެ ކްލަބުގެ ޖާޒީ އާއި ކްލަބު ދަތުރުކުރާ ބަހުގެ އިތުރުން ސެލްޓަވީގޯގެ ސްޓޭޑިއަމްގައި ހުންނަ ޕެރިމީޓާ ލެޑް ސްކްރީންތަކުގައި ރާއްޖޭގެ ވީޑިއޯތައް ވެސް ދައްކާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ކްލަބުން ކަނޑައަޅާ އުސޫލެއްގެ ތެރެއިން އެ ކްލަބުގެ ކުޅުންތެރިން ރާއްޖެ އިޝްތިހާރު ކުރުމުގައި ބޭނުންކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ކްލަބުގައި ތިން އަހަރުގެ މުއްދަތަކަށް ރާއްޖެ އިޝްތިހާރު ކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި ކޮންމެ އަހަރަކަށް ނުވަ ލައްކަ ޑޮލަރު ހޭދަކުރާނެ އެވެ. މިއީ ރަނގަޅު އަގެއް ކަން ފާހަގަކުރައްވައި އަލީ ވަހީދު ވިދާޅުވީ، ލަލީގާ އަކީ އެތައް ބިލިއަން ބަޔަކު ބަލާ ލީގަކަށްވާ އިރު ސެލްޓަވީގޯގައި ރާއްޖެ އިޝްތިހާރު ކުރުމުން ދުނިޔޭގެ އެކި ހިސާބުތަކަށް ވެސް ރާއްޖެ ވަރަށް ފުޅާ ދާއިރާއެއްގައި އިޝްތިހާރުވާނެ ކަމަށެވެ.
މިނިސްޓަރުގެ މި ދަތުރުގައި ލަންޑަނުގައި އޮންނަ ވޯލްޑް ޓޫރިޒަމް މާކެޓް (ޑަބްލިއުޓީއެމް) ގައި ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.