އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ހިންގަން ނިންމައިފި އެވެ. އެއާ އެކު، އެސްޓީއޯ އަށް ފައިދާ ވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ވަނީ މިއަދު ދީފަ އެވެ.
ސަރުކާރަށް ބަރޯސާވެފައިވާ ދައުލަތުގެ މަސް ކުންފުނި، އެންމެ ފަހުން ބުރާސްފަތި ދުވަހު އެސްޓީއޯގެ ދަށަށް ބަދަލުކުރަން ނިންމައި، ކުންފުނީގެ 300 މިލިއަން ރުފިޔާގެ ދަރަންޏާ ސަރުކާރުން ވަނީ ހަވާލުވެފަ އެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު "މިހާރު" އަށް ވިދާޅުވި ގޮތުގައި ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި މިފްކޯ ހިންގަން އެސްޓީއޯގެ ބޯޑުން ނިންމައި ގާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. މި ހަފުތާގެ ނިޔަލަށް އެ މަސައްކަތް ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ތާނގައި މިފްކޯގެ ހާލަތު ދެނެގަނެ ކުންފުނި ރަނގަޅު ކުރަން ވަރަށް ގިނަ މަސައްކަތް ކުރާނަން. ނަމަވެސް ކޮންކަހަލަ ބިޒްނަސް މޮޑިއުލްތަކެއްތޯ އެނގޭނީ އިވެލުއޭޝަން ހަދާފައި،" ޝަހީރު ވިދާޅުވި އެވެ.
ނަމަވެސް، ވަކި ދެ ކުންފުނީގެ ގޮތުގައި މިފްކޯ ހިންގަން ނިންމާފައި ވާތީ އެ ކުންފުނީގެ ބޮޑު ދަރަނީގެ އަސަރު އެސްޓީއޯ އަށް ނުކުރާނެ ކަމުގެ ޔަގީންކަން އޭނާ ވިދާޅުވި އެވެ. އޭގެ ބަދަލުގައި ކުންފުންޏަށް ލިބޭނީ ފައިދާ ކަމަށް އެމްޑީ ވިދާޅުވި އެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ޝަހީރު ނެންގެވީ ބޭރު ފައިސާ ލިބުމުގައި އެސްޓީއޯ އަށް ފަސޭހަ ވުމެވެ.
ޝަހީރު ފާހަގަކުރެއްވި ގޮތުގައި ތެލާއި އެ ނޫން ވެސް ގިނަ އަދަދެއްގެ މުދާ އެތެރެކުރަން ޖެހޭތީ ގިނަ އަދަދެއްގެ ބޭރު ފައިސާ އެ ކުންފުންޏަށް ބޭނުންވެ އެވެ. ރާއްޖޭން ބޭރު ކުރާ މަހަކީ އެންމެ ގިނައިން ބޭރު ފައިސާ ލިބޭ ވަސީލަތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ ކޮޅަށް ޖެހުމާ އެކު، މައި ކުންފުންޏަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށެވެ.
"މިކަހަލަ ހާލަތެއްގައި އޮންނަ ކުންފުންޏެއް ރަނގަޅު ކުރުމަކީ ޗެލެންޖެއް. ނަމަވެސް އެކްސްޕީރިއަންސްޑް ޓީމެއް މި އޮތީ،" ޝަހީރު ވިދާޅުވި އެވެ.
މިފްކޯ އަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތަށް ފަހު 1993ގެ އަހަރުތަކުގެ ކުރީކޮޅު އޭރުގެ މަސް ކުންފުނި އެފްޕީއައިޑީގެ ނަން ބަދަލުކޮށް، އުފެއްދި ދަރަންޏަށް ޒިންމާވާ ވަކި ކުންފުންޏެކެވެ. އޭގެ ކުރިން އެފްޕީއައިޑީ ހިންގަމުން އައީ ވެސް އެސްޓީއޯގެ ދަށުންނެވެ.
އެސްޓީއޯ އިން މިހާރު ވެސް ގިނަ އަދަދެއްގެ ސަބްސިޑަރީ ކުންފުނިތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި އެލައިޑް އިންޝުއަރެންސާއި ފިއުލް ސަޕްލައިޒް އާއި މޯލްޑިވް ގޭހާއި ލަފާޖު ފަދަ ތަންތަން ހިންގަ އެވެ.