އިންކަމް ޓެކުހަށް މީރާ ތައްޔާރު

އިންކަމް ޓެކްސް ގާނޫނަށް އަމަލުކުރަން ފެށުމާ އެކު ޓެކްސްގެ ތަންފީޒީ އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އެކަމާ ގުޅޭ ގަވައިދު އެކުލަވާލައިފަ އެވެ. މި ގާނޫނު ތަންފީޒުކުރެވޭނެ ގޮތް މަގުފަހިކުރުމާއި، ގާނޫނު ހިންގާ ފަރާތްތަކުން އަމަލުކުރަން ވާނެ ގޮތް ކަނޑައެޅުމާއި، ގާނޫނުގައިވާ ކަންކަން ތަންފީޒުކުރުމަށް ބޭނުންވާ އުސޫލުތަކާއި ހަމަތައް ކަނޑައަޅާފައިވާ މި ގަވައިދު އާންމުކޮށްފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅެވެ. މި ގަވައިދާ އެކު އިންކަމް ޓެކްސް އަށް އާންމުން ހޭލުންތެރި ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް މީރާއިން އަންނަނީ ކުރަމުންނެވެ.


އިންކަމް ޓެކްސް ގާނޫނު ތަންފީޒު ކުރުމާ ގުޅޭ ގޮތުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލު ވިދާޅުވީ، އިންކަމް ޓެކްސް އާންމު ފަރުދުންގެ އަތުން ނަގަން ފެށުމާ އެކު، މިކަމާ ގުޅިގެން އެކުލަވާލި ގަވައިދަށް އާންމުން ހޭލުންތެރި ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ، މީރާ އަށް އިންކަމް ޓެކުހާ ގުޅޭ ގަވައިދު އެކުލަވާލުމަށް ލިބުނީ ވަރަށް ކުރު މުއްދަތެއް ކަމަށެވެ. މީގެ އިތުރުން އޭޕްރީލް 1 އިން ފެށިގެން ފަރުދުންގެ އުޖޫރައިން އިންކަމް ޓެކްސް ނަގާ އިރު އެއީ ވެސް ހޭލުންތެރިކޮށް އަހުލުވެރި ކުރުމަށް ކުރު މުއްދަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. މިއީ އިންކަމް ޓެކްސް ތަންފީޒު ކުުރުމުގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުންގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ. މިކަން މިހެން އޮތް ނަމަވެސް އާންމުން ހޭލުންތެރި ކުރުމަށްޓަކައި މީރާގެ ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންކަމް ޓެކުހަށް ހޭލުންތެރި ކުރުމުގެ ގޮތުން ހަދާފައިވާ ވީޑިއޯއެއް

މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ. އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. އާމްދަނީ 200،000ރ. އަށް ވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ.

ގަވައިދާ އެކު އާންމުން ރަޖިސްޓާ ވުމަށް މީރާއިން ހުޅުވާލާފައިވާ އިރު ކުރިން ރަޖިސްޓާ ވެފައިވާ މީހުން ރަޖިސްޓާ ކުރާކަށް ނުޖެހޭނެ ކަމަށެވެ. މިސާލަކަށް މީގެ ކުރިން ޓެކްސް ދައްކަމުންދިޔަ ކުންފުނިތަކުން އަލުން އިންކަމް ޓެކްސް ދެއްކުމަށް ރަޖިސްޓާ ވާކަށް ނުޖެހޭނެ އެވެ. މީގެ އިތުރުން މުވައްޒަފުން ރަޖިސްޓާ ކުރުމުގެ މައިގަނޑު ޒިންމާ އޮންނާނީ ވަޒީފާ ދޭ ފަރާތުގެ މައްޗަށެވެ. ވިޔަފާރީގެ އިތުރަށް އަމިއްލަ ފަރުދުން އުޖޫރައިން ޓެކްސް ދެއްކުމަށް ޝަރުތު ހަމަވާ ނަމަ، އެ މީހަކު މީރާގައި ރަޖިސްޓްރީ ކުރުވުމަކީ ވަޒީފާ ދޭ މީހާގެ ޒިންމާ އެކެވެ. ވަޒީފާ ދޭ މީހުންގެ އިތުރަށް ޖުމްލަ އާމްދަނީއަކީ ޓެކްސް ދައްކަން ޖެހޭ ވަރުގެ އަދަދެއް ނަމަ ވެސް އެ މީހަކު އަމިއްލަ އަށް ރަޖިސްޓާވާން ޖެހެ އެވެ.

ކޮމިޝަނާ އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް މިހާރު ނޫހާ ވާހަކަދައްކަވަނީ-- ފޮޓޯ:ނިޝާން އަލީ/ މިހާރު

"އެ ވިޔަފާރިއެއްގައި ގެންގުޅޭ އެންމެން މީރާގައި ރަޖިސްޓާ ކުރުމުގެ ޒިންމާ ގަވައިދުގައި މި އޮންނަނީ ވަޒީފާދޭ ފަރާތަށް. އޭގެ އިތުރުން އެވަރު ނުލިބޭ ކަމަށް ވަންޏާ، އެކަން ކުރުން މި އޮންނަނީ އެ މުވައްޒަފަކަށް،" އޭނާ ވިދާޅުވި އެވެ.

އިންކަމް ޓެކްސްގެ ގާނޫނަށް އަމަލު ކުރޭތޯ ބެލުމުގައި މުހިއްމު ހަތަރު ކަމަކަށް މީރާއިން ބަލާނެ އެވެ. އެގޮތުން ރަޖިސްޓްރީ ކުރަންޖެހޭ މީހުން ރަޖިސްޓްރީކޮށްފައި ތިބިތޯ އާއި ބަޔާން ހުށަހަޅަން ޖެހޭ މީހުން ބަޔާން ހުށަހަޅަން ޖެހޭތޯ އާއި ފައިސާ ދައްކަން ޖެހޭ މީހުން އެންމެ ފުރިހަމަ އަށް ފައިސާ ދައްކާތޯ އާއި ޓެކްސްގެ ގޮތުގައި ދައްކަނީ ރަނގަޅު އަދަދުތޯ ވެސް އެ އިދާރާއިން ބަލާނެ އެވެ.

ފަތުހުﷲ ވިދާޅުވީ، ވަކި ފަރާތަކުން މަދުން ދައްކާ ކަން ފާހަގަކުރެވިއްޖެ ނަމަ، އެ ފަރާތެއް ވަކިން ބަލާނެ ކަމަށެވެ.

"މިސާލަކަށް ޕައިލެޓެއް ކަހަލަ މީހަކަށް އާންމުގޮތެއްގައި މި ލިބެނީ މިހާވަރުކަން އެނބަ އެނގޭ. އޭގެއިން އަޅުގަނޑުމެން، ބަލާނަން އެ މީހަކު ވަޒީފާ އަދާކުރަނީ ކޮން އެއާލައިނެއްގަތޯ. މިފަދަ ގޮތްގޮތަށް އާމްދަނީތައް ކަށަވަރު ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މަސްވެރިންގެ އާމްދަނީ ބެލޭނެ

އިންކަމް ޓެކްސް ނަގަނީ، މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. އެހެން ނަމަވެސް، މަސްވެރިންނަކީ ކޮންމެ މަހަކު އެވަރު ނުލިބުނު ނަމަވެސް، އަހަރެއްގެ ތެރޭގައި އެ ލިބެން ޖެހޭ 720،000ރ. ލިބޭ ގިނަ މަސްވެރިން އުޅެ އެވެ. އާންމު ގޮތެއްގައި މަސްވެރިންނަކީ، ލިބޭ އާމްދަނީ ނަގުދު ފައިސާއިން ގެންގުޅޭ މީހުންނެވެ. އެ މީހުންނަކީ ހަފްތާއަކުން އެ ލިބޭ އާމްދަނީ ފަޅުވެރިންގެ މެދުގައި ބަހާ ބަޔެކެވެ. ލިބޭ އާމްދަނީގެ އަންދާޒާއެއް އޮތަސް، އެންމެ ފުރިހަމައަށް އަދަދުތައް ރެކޯޑު ކުރެވިފައި ނެތުމުން ލިބޭ ފުރިހަމަ އާމްދަނީ ޑިކްލެއާ ކުރަން އެ މީހުންނަށް އުނދަގޫވެދާނެ އެވެ.

ފަތުހުﷲ ވިދާޅުވީ، މަސްވެރިން އާންމު ގޮތެއްގައި މަސް ކިރުވާ އުޅޭ ކުންފުނިތައް މެދުވެރިކޮށް ވެސް މަސްވެރިންގެ އާމްދަނީ ކަށަވަރު ކުރެވޭނެ ކަމަށެވެ. މިސާލަކަށް މިފްކޯ އަށް އެ ކުންފުންޏަށް ކިރުވާ މަހުގެ ރެކޯޑުތައް އޮންނަ އިރު، މަސް ދޯނިފަހަރަށް ލިބޭ އާމްދަނީ މިފްކޯ މެދުވެރިކޮށް ވެސް ކަށަވަރު ކުރެވޭނެ ކަމަށެވެ. އެހެންކަމުން އެއީ އެހާ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުލީގެ ކަންކަން ވަރަށް ބޮޑަށް ބަލަން ޖެހޭ

ކުއްޔަށް ދޭ މީހުންގެ ތެރެއިން އިންކަމް ޓެކްސް ދައްކަން ޖެހޭ ވަރުގެ އާމްދަނީއެއް އާންމުގޮތެއްގައި ލިބެނީ މާލޭގެ ގެދޮރުން ކުލި ނަގާ މީހުންނެވެ. ހައުސިން މިނިސްޓްރީއާ ގުޅިގެން ފަތުހުﷲ ވިދާޅުވީ، ކުލީގެ ކަންކަން ބެލެހެއްޓުމަށްޓަކައި ގެތަކާއި އިމާރާތްތައް ހަދާފައި ހުންނަ ގޮތްތައް ވެސް ބަލާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ކުލީގެ ކަންކަން ބެލެހެއްޓުމަށްޓަކައި މީގެ ކުރިން ވެސް ހައުސިން މިނިސްޓްރީއާ އެކު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި މިކަމަކީ އިތުރަށް ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކެކޭ އެއްގޮތަށް ވަށާޖެހޭ ޓެކްސް ނިޒާމެއް ރާއްޖެ އަށް އައިސްފައިވާ އިރު އާމްދަނީ ލިބޭ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބޭ އާމްދަނީ ބަލަހައްޓަން ޖެހޭނެ ކަމަށެވެ.

"އާމްދަނީއެއް ލިބޭ ކޮންމެ ފަރާތެއްގެ ވެސް ޒިންމާއެއް އެއީ، އާމްދަނީ ލިބެނީ ކޮން ގޮތްގޮތަކުންތޯ ބަލައިގެން އެ ރެކޯޑުތައް ބެލެހެއްޓުން. އެއީ ހަމަ އެއް ފަހަރުން ލިބޭ އާމްދަނީއެއް ވިޔަސް. ދެންހަމަ ވަޒީފާއެއް އަދާކުރާ ކަމަށް ވެއްޖިޔާ ވެސް. އެ އަދަދުތައް ބަލަހައްޓާ ފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.

ފަތުހުﷲ ވިދާޅުވީ، ޓެކްސް ދެއްކުމުގައި ވަރަށް ގިނަ ފަހަރަށް، އެ މީހެއްގެ އިލްތިޒާމުތަކެއް ހުންނަކަން އިހުސާސް ވަނީ ޓެކްސް ނުދައްކާ އެތަށް ދުވަހެއްވެ، ބޮޑެތި ޖޫރިމަނާތަކެއް އަރާފަހުން ކަމަށެވެ. ރަޖިސްޓްރީ ނުކުރާ ނަމަ އެ ފަރާތްތަކަށް ޖޫރިމަނާއެއް އޮންނާނެ އެވެ. މީގެ އިތުރުން ބަޔާން ހުށަނާޅާ ނަމަ ދުވާލަކަށް 50 ރުފިޔާއިން ޖޫރިމަނާއެއް އަރާނެ އެވެ. އެއަށްފަހު ނޭނގި ނަމަވެސް ފައިސާ ނުދައްކާ ނަމަ، އެއަށް ވެސް ވަކި ވަރެއް ޖޫރިމަނާ އަރާނެ އެވެ. ފަތުހުﷲ ވިދާޅުވީ، ޓެކްސް ދައްކަން ޖެހޭކަން އެނގޭ ހިސާބުން ވަރަށް ބޮޑު ޖޫރިމަނާއެއް އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންކަމުން މިކަންކަމަށް ދުރާލައި ރައްކާތެރިވުމަށް ގާނޫނާއި ގަވައިދުތައް ވަރަށް ފުރިހަމައަށް އެނގެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.