ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ރާއްޖޭގެ ވިޔަފާރިވެރިން ދައްކަން ޖެހޭ ފައިސާގެ ތެރެއިން، އުނިކޮށްގެން ނަގާ "ވިތުހޯލްޑިން ޓެކްސް" ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން ސަަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީަހަށް ހުށަހެޅި ބިލު މިއަދު ފާސްކޮށްފި އެވެ.
އާމްދަނީން ޓެކްސް ނެގުުމުގެ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހެޅުއްވި އެ ބިލު ފާސްކުރީ 54 މެމްބަރުންގެ ވޯޓުންނެވެ. ވޯޓުގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ ތެރެއިން ބިލު ފާސްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވީ ދެ މެންބަރުންނެވެ.
އެ ބިލުގެ ތައާރަފް ގައިވާ ގޮތުން އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ދިވެހި ކޮންޓްރެކްޓަރުން، ބޭރުގެ ކޮންޓްރެކްޓަރުންނާ ހަަމަހަމަ ވާދަވެރި މާހައުލެއް އުފެއްދުމެވެ.
މި ބަދަލު ގެނައުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 251 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ބިލުގައި އަންދާޒާކޮށްފައި ވެ އެވެ.
ވިތުހޯލްޑިން ޓެކުހަކީ ބޭރުގެ ކޮންޓްރެކްޓަރަކަށް ދިވެހި ވިޔަފާރިއަކުން ފައިސާއެއް ދައްކާ ނަަމަ، އެ ދައްކަން ޖެހޭ އަގުގެ ތެރެއިން އުނިކޮށްގެން ނަގާ ޓެކުހެކެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އެ ފައިސާ ދައްކާނީ ދިވެހި ކުންފުނިންނެވެ.
ބިލުގައި ހުށަހަޅާފައި އޮތީ އެގޮތަށް ނަގާ ޓެކްސް ފަސް ޕަސެންޓުން 10 ޕަސެންޓަށް ބޮޑުކުރަން އެ ގާނޫނުގެ 55 ވަނަ މާއްދާ ބަދަލުކުރުމާ އެކު އެއާ ގުޅިގެން އެ ގާނޫނުގެ އެހެން މާއްދާތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.