މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ބޭފުޅަކު އައްޔަނުކުރަން ތިން ނަމެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ މަގާމު ހުސްވީ މަގާމުގައި ކުރިން ހުންނެވި ފާތިމަތު އަމީޒާ، ޓެކްސް ކޮމިޝަނާ ޖެނެރަލްގެ މަގާމަށް އައްޔަންކުރުމާ ގުޅިގެންނެވެ. 

ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާނުކުރުމުން، ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތިން ބޭފުޅެއްގެ ނަން މަޖިލީހުގެ ރުހުން ހޯދުމަށް މިއަދު މަޖިލީހަށް ފޮނުއްވައިފަ އެވެ. 

އެއީ: 

  1. އަހުމަދު ޝަފްނީޒު، ބަގީޗާގެ / ސ. ހުޅުދޫ
  2. އަހުމަދު މައުސޫމް، ވ. މިއަރެސް
  3. މަރިޔަމް ޖައިދާ، ކަނޑުގަސްދޮށުގެ / ކ. ދިއްފުށި

މި ބޭފުޅުންގެ ތެރެއިން މަޖިލީހަށް ފެންނަ ބޭފުޅަކު އެ މަގާމަށް އައްޔަނުކުރުމަށް ފޮނުއްވި މި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިގްތިސާދީ ކޮމެޓީއަށް ފޮނުވައިފަ އެވެ.