ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި ވިޔަފާރިތަކުގެ ބާވަތާއި ކުޑަބޮޑުމިނަށް ނުބަލާ ކަމަށް ބުނެ، މަރުކަޒީ ބޭންކްގެ ގަވަރުނަރު އަހުމަދު މުނައްވަރަށް މީރާއިން މިއަދު ރައްދު ދީފި އެވެ.

 ޓެކްސް އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ގާނޫނުން މީރާއާ މަތިކޮށްފައިވާ މައިގަނޑު ޒިންމާއަކީ ޓެކްސް ގާނޫނުތައް ތަންފީޒު ކުރުމާއި ޓެކްސްއާ ބެހޭ ސިޔާސަތުތައް ހިންގުމާއި ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތް ހިންގައި ބެލެހެއްޓުން ކަމަށެވެ.

ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ހިސާބު ކުރަނީ ގާނޫނުތަކާ އެއްގޮތަށްތޯ ބެލުމާއި ގާނޫނާ އެއްގޮތަށް ޓެކްސް ދައްކާ ފަރާތްތަކުން ޓެކުހުގެ ޒިންމާ އަދާކުރާކަން ކަށަވަރު ކުރުމަކީ އެގޮތުން އަދާކުރަމުން އަންނަ ގާނޫނީ ޒިންމާއެއް ކަމަށް ވެސް ބަޔާނުގައި މީރާއިން ބުންޏެވެ

"...މި ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި  ހުރިހާ ފަރާތްތަކުގެ މެދުގައި ގާނޫނު ހަމަހަމަކޮށް ތަންފީޒު ކުރުމަކީ މީރާއިން ފެށުނީއްސުރެން ވެސް އަމަލުކުރަމުންދާ އުސޫލެވެ،" ބަޔާނުގައި ވެ އެވެ.

މީރާއިން މަަސައްކަތްކުރަނީ ކަނޑައަޅައި އާންމު ކޮޮށްފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވަމްންޓް ޕްލޭނަކާ އެއްގޮތަށް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

މީރާއިން މި މޭރުމުން ބަޔާނެއް މި ނެރުނީ އެ އިދާރާއިން ދާންވީ ކަންމަތީ ފިހާރަތަކަށް އެކަނި ނޫން ކަމަށާއި ޑޮލަރުގެ މައްސަލަ ހައްލުކުރަން ރިސޯޓްތައް ވެސް އޮޑިޓްކުރަންޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވެފައި ވަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި މެންބަަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި މިހާރު ވަރަށް ބޮޑަށް މޮނިޓާ ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑޮލަރު ލިބުން ދަތިވާ މައްސަލާގައި ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު މުނައްވަރު ވިދާޅުވި ގޮތުގައި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ ޓެކްސް އިދާރާ، މީރާގެ ޒިންމާއެއް ކަމަށް ވިޔަސް އެ ޓެކްސް ނުދައްކާ ރިސޯޓްތައް ގިނަ އެވެ.

ގަވަރުނަރު އެހެން ވިދާޅުވެފައި ވަނިކޮށް، މީރާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ އޮތޯރިޓީން އޮޑިޓްކުރަން ކަނޑައަޅާ ފަރާތްތަކަކީ "ރިސްކް ބޭސްޑް"  އުސޫލުގެ މައްޗަށް އިންތިޒާމު ކޮށްފައިވާ، ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއްގެ ތެރެއިން ހަމަހަމަ އުސޫލުތަކަކުން  އޮޑިޓް ކުރަން ހޮވާ ފަރާތްތަކެއް ކަމަށެވެ.

"...މިގޮތުން މީރާއިން ދަނީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެ ނޫން ދާއިރާތަކުގެ ވިޔަފާރިތަށް ވެސް އޮޑިޓް ކުރަމުންނެވެ. އަދި، މީރާއަށް ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ލިބެމުންދަނީ ޓޫރިޒަމް ދާއިރާއިންކަން ވެސް ފާހަގަ ކުރަމެވެ،" ބަޔާނުގައި މީރާއިން ބުންޏެވެ.

ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ލުއި އިންތިޒާމުތަކެއް ހަމަޖައްސައިދީފައިވާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ. ހިސާބު ބެލެހެއްޓުމާއި އޮޑިޓް ކުރުމާއި ޓެކްސް ބަޔާން ހުށަހެޅުމުގައި ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދީފައިވާ ކަަމަށް ވެސް މީރާއިން ބުންޏެވެ.

މީރާއިން ބުނި ގޮތުގައި އެ އޮތޯރިޓީގެ މަސައްކަތްތައް ބައްޓަން ކޮށްފައިވަނީ ވިޔަފާރިތަކާ ގުޅިގެން ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދީގެން ޓެކްސް ކޮމްޕްލަޔަންސް އިތުރުކުރުމުގެ މައްޗަށެވެ. އެކަމަކު ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.