ސްޓެލްކޯ އިން މާލެ އާއި ހުޅުމާލޭގައި މިއަދު ކުރިއަށްގެންދާ ލެޑް ލައިޓް ބަހާ ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާތީ ލެޑް ލައިޓް ބެހުމަށް އެ ކުންފުނިން ބަދަލުތަކެއް ގެނެސްފި އެވެ.
މިއަދު ހެނދުނު 9:30 ގައި ފެށި މި ހަރަކާތުގައި މާލޭގެ 10 ސަރަހައްދެއްގައި ސްޓެލްކޯގެ ސްޓޭންޑުތައް ވަނީ ބަހައްޓައިފަ އެވެ. ނަމަވެސް މެންދުރު 2:00 ގެ ފަހުން މި ހަރަކާތް ކުރިއަށް ގެންދަނީ އެންމެ ދެ ސަރަހައްދެއްގަ އެވެ. އެއީ ސްޓެލްކޯ މައި އޮފީސް ކުރިމައްޗާއި ގަލޮޅު ސްޓޭޑިއަމް ކައިރި އެވެ.
ހުލުމާލޭގައި މި ހަރަކާތް ކުރިއަށްދާނީ މިއަދު ހެނދުނުން ފެށިގެން ވެސް އެ ހަރަކާތް ކުރިއަށްގެންދިޔަ ހަތަރު ސަރަހައްދުގަ އެވެ. މި ސްޓޯލްތަކަށް ޒިޔާރަތް ކުރާ މީހުންނަށް ކޮންމެ އައިޑީކާޑަކަށް ހަތަރު ލެޑް ލައިޓު ލިބޭނެ އެވެ. ކޮންމެ މީހަކަށް ވެސް ގެންދެވޭނީ ގިނަވެގެން ދެ އައިޑީ ކާޑެވެ.
ސްޓެލްކޯ އިން ބުނީ މިއީ ސަރުކާރުން އާންމުންނަށް ބަހަން ދީފައިވާ ލައިޓުތަކަކަށް ވުމުން އެ ކުންފުންޏަށް ލިބިފައިވާ ސްޓޮކް ހުސްވަންދެން ހަރަކާތް ކުރިއަށްދާނެ ކަމަށެވެ. އަދި މި ހަރަކާތަށް ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު މިއަދު ހަވީރު 5:30 ގެ ކުރިން ވެސް ލައިޓުތައް ހަވާލުކޮށް ނިމިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ވަނީ ޕްލާސްޓިކްގެ ބޭނުން ކުޑަ ކުރުމަށް ލެޑް ލައިޓު ބަލާ އަންނަ ކޮންމެ މީހަކު ވެސް އަމިއްލަ އަށް ކޮތަޅު ގެންދިއުމަށް އެދިފަ އެވެ.