ކަރަންޓް ކަނޑައިލުމާއި ހިދުމަތް ގުޅައިދިނުން، އަދި ބިލު ދެއްކުން ފަދަ ކަންތައްތަކުގައި ނިކަމެތިންނަށް ލުޔެއް ދިނުން ލާޒިމްކުރަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލެއްގައި ހިމަނައިފި އެވެ.

"ދިވެހިރާއްޖޭގެ ހަކަތައިގެ ބިލު" މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފާސްކުރި އިރު، ނިކަމެތިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭން ލާޒިމްކުރާ މާއްދާއެއް އޮތީ ބިލަށް އިތުރުކޮށްފަ އެވެ. ބިލުގެ (40) ވަނަ މާއްދާގެ ގޮތުގައި އިތުރުކުރި އެ މާއްދާގެ (ހ) ގައި ބުނާ ގޮތުން ހިދުމަތް ދޭ ފަރާތަށް ލިބިދީފައިވާ ބާރުތައް ތަންފީޒުކުރުމުގައި ނިކަމެތިންނަށް ލުއި ގޮތްތަކެއް ހަމަަޖައްސައިދޭން ޖެހޭނެ އެވެ.

ބިލު ނުދައްކާ ނަމަ ކަރަންޓް ކަނޑައިލުމަކީ ހިދުމަތް ދޭ ފަރާތަށް ލިބިދީފައި އޮންނަ ބާރެކެވެ. ހަކަަތައިގެ ބިލު ފާސްކުރުމުން އެކަން ވާނީ ގާނޫނަކުން ލިބިދޭ ބާރަކަށެވެ. އެކަމުން ނިކަމެތިން އިސްތިސްނާ ކުރުމަށް ޓަކައި ކޮމިޓީން ބިލަށް އިތުރުކުރި މާއްދާގައި އޮތީ "ހިދުމަތް ގުޅައިދިނުމާއި ހިދުމަތް ކަނޑައިލުން އަދި ބިލު ދެއްކުމުގައި ލުއި ގޮތްތަކެއް އިންތިޒާމްކުރަންވާނެ" ކަމަށެވެ.

ބިލު ގާނޫނަކަށް ވުމުން، ހިދުމަތް ދޭ ފަރާތްތަކަށް ލާޒިމުކުރާ އެ ލުއި ދޭނީ ކައުންސިލްތައް މެދުވެރިކޮށް ނެޝަަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން އެކުލަވައިލާ ދަފްތަރެއްގައި ހިމެނޭ މީހުންނަށް ކަމަށް ކޮމިޓީން އިތުރުކުރި މާއްދާގައި ކަނޑައަޅާފައި އެބަ އޮތެވެ.

ފުޅާ ދާއިރާއެއްގައި އެންމެނަށް ލިބޭ ގޮތަށް ސަރުކާރުން ކަރަންޓަށް ދޭ ސަބްސިޑީ ކަނޑައިލައި، ހަމައެކަނި އެ ސަބްސިޑީ ދޭން ޖެހޭ ވަރުގެ މީހުންނަށް އެކަނި ލިބޭ ގޮތަށް ބަދަލުކުރަން މި ބިލުން މަގުފަހިވާނެ އެވެ.

ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ހުށަހެޅުއްވި ހަކަތައިގެ ބިލު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވީ 43 މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން އެ ބިލު ދިރާސާކުރި އިރު، ކަރަންޓްގެ ހިދުމަތް ދޭ ދައުލަތުގެ ކުންފުނިތަގެ ވެރިންނާއި އެ ދާއިރާގެ މާހިރުންގެ ލަފާ، ފުޅާ ދާއިރާއެއްގައި ހޯދި އެވެ. ބިލު ފުރަތަމަ ހުށަހެޅި އިރު، އެކިއެކި ކަންކަމަށް ކަނޑައަޅާފައި ހުރި ޖޫރިމަނާތައް ބޮޑުކަމަށް ފެނިގެން، ކޮމިޓީން ވަނީ އެ ޖޫރިމަނާތައް ވެސް ކުޑަވާ ގޮތަށް އިސްލާހުތައް ގެނެސްފަ އެވެ.