ބިލް ނުދެއްކިޔަސް، ފެނާއި ކަރަންޓްގެ ޚިދުމަތް ނުކަނޑަން ކޮމެޓީން ހުށަހަޅައިފި

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުން ފެނާއި ކަރަންޓް ބިލް މިދުވަސްވަރު ނުދެއްކިޔަސް، އެ ޚިދުމަތް ނުކަނޑަން ރައްޔިިތުންގެ މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިސަސް (އެސްއޯއީ) ކޮމެޓީން ހުށަހަޅައިފި އެވެ.


ކޮވިޑް-19 އާ ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅޭގޮތުން އެސްއޯއީ ކޮމެޓީން ތައްޔާރުކޮށް މަޖިލީހަށް އިއްޔެ ހުށަހެޅި ރިޕޯޓުގައި ހުށަހަޅާފައިވަނީ ފެނާއި ކަރަންޓް ބިލް މިދުވަސްވަރު ނުދެއްކިޔަސް، އެ ޚިދުމަތްތައް ނުކަނޑަން ސްޓެލްކޯ އާއި ފެނަކައިގެ އިތުރުން އެމްޑަބްލިއުއެސްސީ އަށް އެންގުމަށެވެ. އަދި މާލެ އާއި ހުޅުމާލެ އިން ސަރުކާރު ކުންފުނިތަކުން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ހަ މަހަށް ލުއިކޮށް ދިނުމަށް ވެސް ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް އެހީވާން ދޫކުރަން ނިންމާފައިވާ 20 މިލިއަން ޑޮލަރުގެ ލޯނު ދިވެހިން ވަޒީފާއިން ވަކިކުރާ ކުންފުނިތަކަކަށް ނުލިބޭ ގޮތް ހެދުމަށާއި އަދި 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކަށް ވާކިން ކެޕިޓަލްގެ ލޯނު ދޫކުރަން ވެސް އެ ކޮމެޓީން ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން ސަރުކާރު ކުންފުނިތަކުން ވެސް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެ ކޮމެޓީން ހުށަހަޅާފައިވެ އެވެ. އެގޮތުން ކުންފުނިިތަކުގެ މުސާރަ ކުޑަ ކުރުމުގެ އިތުރުން ބަޖެޓްގައި ހިމަނާފައި އޮތަސް، އަލަށް އެއްވެސް އެލަވަންސެއް ދޭން ނުފެށުމަށާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މުސާރައިން 20 ޕަސެންޓް އުނިކުރަން ޕްރައިވެޓައިޒޭޝަން ބޯޑުން އަންގާފައިވާ އެންގުމާ އެއްގޮތަށް މިހާތަނަށް އަމަލު ނުކުރާ ކުންފުނިތަކުގައި ވޭތުވެދިޔަ މުއްދަތަށް ވެސް އެ ބައި މުސާރަ އިން އުނިކުރަން ހުށަހަޅާފައިވެ އެވެ.

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އުފެއްދުންތެރިކަން ނެތް ކުންފުނިތައް އުވާލުމަށާއި ކުންފުނިތަކުގެ މެންޑޭޓުން ބޭރު އެއްވެސް މަސައްކަތެއް ކުރާ ނަމަ، އެކަން ހުއްޓުވުމަށާއި އަދި ސަރުކާރު ކުންފުނިތަކުން ބޭރުގެ ބޭންކްތަކުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުން ފަސްކޮށްދޭން އެދުމަށް ވެސް އެސްއޯއީ ކޮމެޓީން ހުށަހަޅާފައިވެ އެވެ.

ފެނާއި ކަރަންޓްގެ ޚިދުމަތްތައް ނުކަނޑަން ހުށަހަޅަން ކޮމެޓީން ނިންމިއިރު، ސަރުކާރުން ކުރިން ވަނީ ކޮޮވިޑް-19 އާ ގުޅިގެން ފެނާއި ކަރަންޓް ބިލްގެ ވަކި ޕަސެންޓެއް ސަރުކާރުން ދައްކައިދޭން ނިންމައިފަ އެވެ.