މާލެއާއި އަތޮޅުތަކުގައި ކަރަންޓާއި ފެނުގެ އަގު އެއްވަރަކަށް ނެގުމަށް ނިންމުމާ ގުޅިގެން އެނާޖީ މިނިސްޓަރާއި އެ މިނިސްޓްރީގެ ބައެއް އިސްވެރިން މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
23 ޖެނުއަރީ 2018 - 11:17
ރަށްރަށުގެ ކަރަންޓާއި ފެނުގެ ޚިދުމަތަށް ނަގާ އަގު، މާލެއެކޭ އެއް އަގަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.
އެނާޖީ މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އިއުލާން ކުރެއްވި ގޮތުގައި ޑޮމެސްޓިކް ކެޓަގަރީގެ ސުން ޔުނިޓުން ފެށިގެން 400 ޔުނިޓުތަކާ ދެމެދުގެ ބޭންޑުތަކުން ރަށްރަށުގެ ކަރަންޓުގެ އަގު ވަނީ މާލެއާ އެއްވަރަށް ބަދަލުކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މާޗް މަހުގެ އެކަކުން ފެށިގެން ކަމަށެވެ.
ރަށްރަށުގެ ކަރަންޓުގެ އަގު މާލެއަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް މިދިޔަ ދުވަސްތަކެއްގައި ނަގަމުންދާތީ، ގިނަ ބަޔަކު އައީ ޝަކުވާ ކުރަމުންނެެވެ. އެހެންވެ، މިއީ ދިވެހި ތާރީޚުގައި ވެސް ރަށްރަށުގެ ކަރަންޓުގެ އަގު މާލެއެކޭ އެއް އަގަކަށް ބަދަލުކުރި ފުރަތަމަ ފަހަރުކަން މިނިސްޓަރު ތޯރިގް ފާހަގަ ކުރެއްވި އެވެ.
"މި ސަރުކާރު އައިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތީ އެކި ޓެރިފް. މާލެ ސަރަހައްދަށް ވަކި އަގެއް، އަތޮޅު ތެރޭގައި އެކި ހިސާބުތަކަށް އެކި އަގުތައް. މިކަމަކީ ރައްޔިތުންނަށް ވަރަށް އުނދަގޫ އަދި ރައްޔިތުންނަށް ވަރަށް ކަންބޮޑުވެފައި އޮތް ކަމެއް. އެހެން ނަމަވެސް އަޅުގަނޑުމެން ސަރުކާރުން މަސައްކަތްކުރަމުން އައީ މި ފަރަގު ކުޑަކުރެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގު ވިދާޅުވި ގޮތުގައި، ކަރަންޓުގެ އަގު ހެޔޮކުރުމުގެ ގޮތުން 2016 ވަނަ އަހަރު އަތޮޅުތެރޭގެ ހުރިހާ އަތޮޅެއްގައި ހުރިހާ ރަށެއްގެ އެއް އަގަކަށް މި ސަރުކާރުން ހަމަޖެއްސި އެވެ. އަދި އެއާއެކު މާލެ ސަރަހައްދުގެ ކަރަންޓުގެ އަގުތައް ވަކި ރޭޓަކަށް ހަމަޖެއްސިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މާލެއާއި އަތޮޅުތަކުގައި ކަރަންޓާއި ފެނުގެ އަގު އެއްވަރަކަށް ނެގުމަށް ނިންމުމާ ގުޅިގެން އެނާޖީ މިނިސްޓަރު މިއަދު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
"އެ ހިސާބުން އަޅުގަނޑުމެންނަށް ގްރޭޓާ މާލޭ އޭރިއާ އަށް ޓެރިފެއް ހަމަޖެއްސުނު. އަދި އެހެން ހުރިހާ ކަންކޮޅުތަކެއް އެއް އަގަކަށް އަޅުގަނޑުމެން ބަދަލު ކުރިން. މިއީ ވެސް ވަރަށް ބުރަ މަސައްކަތުން އަޅުގަނޑުމެންނަށް ކުރެވުނު ކަމެއް،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ 2016 ވަނަ އަހަރު ކަރަންޓުގެ އަގުތަކަށް ބަދަލު ގެނައުމަށް ފަހު ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ކަރަންޓުގެ އަގު އެއްގޮތް ކުރެވޭނެ ގޮތްތައް ބެލި ކަމަށެވެ.
"މިއީ ވަރަށް ބުރަ މަސައްކަތެއް. އޭގެ އިތުރަށް އަޅުގަނޑުމެން މި އަގުތައް ހާމަނައިޒް ކުރަން [އެއްގޮތް ކުރަން] ކުރި މަސައްކަތުގެ ތެރޭގައި އިންޖީނުގެތައް އެފިޝިއަންޓް ކުރުމާއި އިޔާދަކުރަނިވި ހަކަތަ މީގެ ތެރޭގައި ގެންގުޅުމާއި އަދި ކަރަންޓް ހިންގުމަށް ދާ ހަރަދުތައް ކުޑަކުރުމާއި އަދި ވެސް ސަރުކާރުން މިކަހަލަ އިތުރު މަސައްކަތްތަކެއް ކުރިން،" ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް ޔާމީނާއެކު ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މާލެ އާއި އަތޮޅުތަކުގެ އަގުތައް އެއްގޮތް ކުރެވުމުން އަތޮޅު ތެރޭގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓަށް ކަރަންޓުގެ އަގު ހެޔޮވާނެ ކަމަށެވެ. އެގޮތުން 400 ޔުނިޓް ބޭނުންކުރާ ގެތަކުން 400ރ. ކުޑަވެގެންދާނެ ކަމަށް ވެސް ތޯރިގު ވިދާޅުވި އެވެ.
- 0 ޔުނިޓުން ފެށިގެން 100 ޔުނިޓާ ހަމަޔަށް ދެން ނަގާނީ 1.50ރ.
- 101 ޔުނިޓުން ފެށިގެން 200 ޔުނިޓާ ހަމަޔަށް ނަގާނީ 1.70ރ.
-201 ޔުނިޓުން 300 ޔުނިޓާ ހަމަޔަށް ނަގާނީ 2.15ރ.
301 ޔުނިޓުން 400 ޔުނިޓާ ހަމަޔަށް ނަގާނީ 2.50ރ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންނަށް ކަރަންޓުގެ އަގު ހެޔޮކުރަން ކަމަށެވެ.
ކަރަންޓުގެ އަގުގެ އިތުރުން ފެނުގެ އަގުތައް ވެސް މާލެއާ އެއް ރޭޓަކަށް ހަމަޖެއްސުމަށްފަހު އެކަން ވެސް މިއަދު ވަނީ އިއުލާންކުރައްވައިފަ އެވެ.
ތޯރިގު ވިދާޅުވީ އަތޮޅުތެރޭގެ ގެތަކަށް ދޫކުރާ ފެނަށް މިމަހުން ފެށިގެން އަގު ނަގާނީ މާލެއާ އެއް ރޭޓެއްގައި ކަމަށެވެ. އަދި އެއީ ވެސް ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން ގެނައި ބަދަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
- ސުން ލީޓަރުން ފެށިގެން 100 ލީޓަރާ ހަމައަށް މީގެ ކުރިން ނަގަމުން އައީ 65ރ. މީގެ ފަހުން ނަގާނީ 22ރ.
- 101 ލީޓަރުން ފެށިގެން 200 ލީޓަރާ ހަމަޔަށް ނަގަމުން އައީ 75ރ. މީގެ ފަހުން ނަގާނީ 70ރ.
- 200 ލީޓަރުން މައްޗަށް ނަގަމުން އައީ 100ރ. ދެން ނަގާނީ 95ރ.
ތޯރިގު ވިދާޅުވީ މާލެ އާއި އަތޮޅުތެރޭގެ ފެނުގެ އަގުތައް އެއްގޮތްކުރުމަކީ ވެސް ގެނެވުނު ހެޔޮ ބަދަލެއް ކަމަށެވެ. އަދި މާލެއަށް ވުރެ ބޮޑު އަގުގައި ފެން ވިއްކާތީ ވަރަށް ގިނަ ބަޔަކު އެކަމާ ޝަކުވާކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ފެނުގެ އަގު މިހާރު މިވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ވެސް އެއް އަގަކަށް ހަމަޖައްސާފައި. މިއީ މީގެ ކުރިން ރާއްޖޭގައި ނުކުރެވޭ ކަންތައްތަކެއް. އެއްވެސް ދައުރެއްގައި ނެތް ފެނުގެ އަގު އެއްވަރުވެފައެއް ހުރިހާ ކަންކޮޅުތަކެއްގައި. ކަރަންޓުގެ އަގު މިހާރު މިއާދެވުނު ހިސާބަށް ވެސް މީގެ ކުރިން ނެތް އާދެވިފައި،" ތޯރިގު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތައްސީލާ
08 May 2018
މާލޭގައިވެސް ކުރަނީ ވިޔަފާރި ރަށްރަށުގަވެސް ވިޔަފާރި ރަށްރަށުގެ ފިހާރައަކުން 3000 ރ ބިލައްއަރާނަމަ އެކައްޗެއް ބޭނުން ކުރާމާލޭގެ ފިހާރައިން ހާހެއްވެސް ނާރާ. މީތަ ހަމަ ކަމަކީ.
އަލިބެއްޔަ
24 January 2018
ބަލަ 400 ޔުނިޓުން މަތިއޮތީ 400 ޔުނިޓުން 0 ޔުނިޓާދޭތެރޭ ކެޑުނުބައިނަގާގޮތަށް ވައސަލާމް ކޮބާ ސިވިލްސަރވިސް މުވައްޒަފުންގެ މުސާރަ މުސާރަބޮޑުކޮށް ނިމުނީދޯ ވައްސަމާން
ފާތުން
24 January 2018
2018 ސަލާމް ކިތަންމެކުރިޔަށް ޔާމީނަކަށް ވޭޓެއްނުދޭނަން
ޔުނައިޓެޑް އައްޑޫ
24 January 2018
ރާއްޖެތެރޭ އިންޖީނުގެތަކުން ފައިދާވާ މޫސުމް ލައިގެންފައި މިއޮތީ!! މިއީ 10 ކުޅަނދު މަދު މީހުން 05 ކުޅަނދު މަދު މީހުންގެ މައްޗަށް ވެރިކަން ކުރާ ގޮތް!!
އަލީ ސޯލިހު
24 January 2018
ތި ބޭފުޅުން މި އޮއް ހުރިހާ ދުވަހު ރައްޔިތުން ފެލީ. ދެން ކެންޕޭން ކުރަން ވީމަ އަގު ހެޔޮ ކޮއަލަނީ. މި ދުވަސް ކޮޅަށް. ތިޔައީ ޔަހޫދީން ވެސް ކަން ކުރާގޮތް، ރައްޔިތުން ނަށް ހެޔޮކަމެއް ކޮއްދެންޏާ ނިކަން ޖީއެސްޓީ އުވާލަ ދީބަލަ، މީ މީހުން ނިކަމެތި ވެ އިނދަޖެހޭ ސުންޕާ އެއްޗެއް.
ސައްދާމް
23 January 2018
އަދި ވެސް އަގުހެޔޮ ކުރަނީ ސުން ޔުނިޓުން ފެށިގެން 400 ޔުނިޓުތަކާ ދެމެދުގެ ބޭންޑުތަކުން......... ބަލަ އަހަރުމެން ވެސް މިއީ 100% ދިވެހިން...... ހަމައެކަނި ތިބުނާ ގުރޭޓާ މާލެ މީހުންނާއި އެއްވަރަށް 6% ޖީއެސްޓީ ދައްކަނީ....... މާޗް މަސް ތަންކޮޅެއް އަވަސް އިންތިޚާބުގެ ދެތިން ދުވަސް ކުރިން އަގު ތަކަށް ބަދަލު ގެނޭ............
ޕްރޮޕެގެންޑާ
23 January 2018
ހެޑްލައިން ހަދަން އަނެއްކާވެސް އޮޅުވާލުމެއް. އަގު އެއްވަރު ކުރީ ސުން ޔުނިޓުން ފެށިގެން 400 ޔުނިޓުތަކާ ދެމެދު.
ހަސަންމަނިކު
23 January 2018
ރައްރަށުގެ "ކަރަންޓާ ފެނޭ" ކިޔާއިރު މީހުން ދިރިއުޅޭ 200 އެއްހާ ރަށުންކުރެ ކިތައްރަށުގަތަ "ފެން" އަޅާފަ އޮތީ؟ މާމޮޅު ކަމެއް ކުރިކަން ދައްކަން އެބައުޅެއެއްނު އަދި!
އަޖީތު
23 January 2018
އަދި މިވަރުންގޮސް ކަރަންޓު ބޭނުން ކުރީތީ ސަރުކާރުން ރައްޔިތު މީހާއަށް ފައިސާވެސް ދޭން ފަށާނެ. މިއޮތީ ވޯޓުލާ އަހަރު.
ލައްކަވާހަކަ
23 January 2018
މިއީ ދިވެހިންނަށް ބަހާރުމޫސުމްގެ އަހަރު.