ފެނަކަ ކޯޕަރޭޝަނުން ކުރިން ހިންގި މ. އަތޮޅުގެ ހުރިހާ ރަށެއްގެ އިންޖީނުގެތަކާއި ޔުޓިލިޓީގެ ހިދުމަތްތައް ސްޓެލްކޯއާ ރަސްމީކޮށް މިއަދު ހަވާލުކޮށްފި އެވެ.
ސްޓެލްކޯ އިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ މ. އަތޮޅުގެ ދިއްގަރާއި ކޮޅުފުށްޓާއި މަޑުއްވަރި އާއި މުލީގެ އިތުރުން ނާލާފުށްޓާއި ރަތްމަންދޫ އަދި ވޭވަށުގެ ޔުޓިލިޓީ ހިދުމަތްތަކާ އެ ކުންފުނިން ރަސްމީކޮށް މިއަދު ހަވާލުވެފައިވާ ކަމަށެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ.
އެ ރަށްރަށުގައި ޔުޓިލިޓީ ހިދުމަތް ފޯރުކޮށްދިނުމާ ބެހޭ އެއްބަސްވުމުގައިި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިނެވެ.
ފެނަކަ ކޯޕަރޭޝަނުން ކުރިން ޔުޓީލިޓީ ހިދުމަތް ދެމުންދިޔަ އެ ރަށްތައް ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައިވަނީ ސަރުކާރުން އާންމުންނަށް ދެމުން އަންނަ ހިދުމަތްތައް އިތުރަށް ތަރައްގީކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލުތަކުގެ ތެރެއިން ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
ތިން އަތޮޅެއްގައި ފެނަކައިން ދެމުންދިޔަ ޔުޓިލިޓީ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރަން ނިންމީ މިދިޔަ އެޕްރީލް މަހު އެވެ. އެއީ މ. އަތޮޅުގެ އިތުރުން ބ. އަތޮޅާއި ޅ. އަތޮޅެވެ.