މުޅި ރާއްޖޭގެ ކަރަންޓު ހިދުމަތް ސްޓެލްކޯއާ ހަވާލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އެ ކުންފުނިން އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމަށް ސާވޭއެއްގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވައިލަން ނިންމާފައިވާކަން ރައީސް އިއުލާން ކުރެއްވީ މި މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.
ސްޓެލްކޯއިން މިއަދު ބުނީ ރައީސް މުއިއްޒުގެ އެ ނިންމެވުމާ ގުޅިގެން، އެ ކުންފުނިން އަލަށް ހަވާލުވާ ރަށްރަށުގެ ހާލަތު ދެނެގަތުމުގެ ސާވޭތައް މިހާރު ފަށާފައިވާ ކަމަށެވެ.
އެ ކުންފުނީގެ ޓީމުތަކުން އައްޑު އާއި ތިނަދޫގެ ޔުޓިލިޓީ ހިދުމަތްތަކުގެ ސާވޭގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ރައީސް ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުުން ހާމަވާ ކަމަށާއި އެހެންވެ، އެ ތަނުގެ ހިދުމަތް ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ފަންނީ ބޭފުޅުންނާ ހަވާލާ ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށައި އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނި އުވައިލުމަށް ކަމަށެވެ.
އޭރުން ފެނަކައިން ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ކުރާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެ އެވެ.
ފެނަކަ އުވާލަން ނިންމިއިރު، އެ ކުންފުންޏާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 161 މައްސަލައެއް ތަހުގީގު ކުރަމުން އެބަދެ އެވެ. އެ ތަހުގީގުތަކަށް ފަހު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން ވެސް ފެނަކައަށް އެންގި އެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހިމަނާފައިވާއިރު އޭގެ ތެރެއިން އެއް މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޖަލު ހުކުމެއް ވެސް އިއްވި އެވެ.
މިވަގުތު އެ ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.
ފެނަކައިގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު އެހާ ގިނަވުމުން، އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދީފައި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓްތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާކަމަށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.