ރާއްޖޭގެ ރަށްރަށަށް ފެނާއި ނަރުދަމާގެ ހިދުމަތް ދެމުން އަންނަ ކުންފުނި، ފެނަކަ ކޯޕަރޭޝަން އުވާލައި ސްޓެލްކޯގެ ބެލުމުގެ ދަށަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ކަރަންޓުގެ ހިދުމަތް ދިނުން ބަދަލުކުރަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ފެނަކައިގެ ނަމުގައި ހިންގާފައިވާ ޖަރީމާތައް އޮޑިޓާ ޖެނަރަލް އޮފީހުގެ ރިޕޯޓުުން ހާމަވާ ކަމަށާއި އެހެންވެ، އެތަނުގެ ހިދުމަތް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
ފަންނީ ބޭފުޅުންނާ ހަވާލާދީ ރައީސް ވިދާޅުވީ ފެނަކައަކީ ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅަށް ހިންގިދާނެ ކުންފުންޏެއް ނޫން ކަމަށައި އެހެންވެ ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނި އުވާލުމަށް ކަމަށެވެ.
އޭރުން ފެނަކައިން ކުރަމުންދިޔަ ހުރިހާ މަސައްކަތްތަކެއް ކުރާނީ ސްޓެލްކޯގެ ބެލުމުގެ ދަށުން ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ ސަރުކާރުން މިކަމާ މެދު ވަރަށް ފުންކޮށް ވިސްނައި މަޝްވަރާކުރުމަށް ފަހު ނިންމާފައި މިވަނީ ފެނަކަ އުވާލުމަށް ފަހު ސްޓެލްކޯއާ އެއްކޮށްލަން. އެހެންވީމަ މުޅި ރާއްޖޭގައި ހިދުމަތް ދޭނީ ސްޓެލްކޯ އިން މި ޕްރޮސެސް ނިމުނީމަ."
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އުވާލައި، އެ ކުންފުނީގެ ދަށުން ހިންގި މަސައްކަތްތައް އެމްޓީސީސީއާ ހަވާލުކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާކަން އިއުލާންކުރައްވައިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއް ކަމެއް ކުރާ އިތުރު އެހެން ކުންފުނިތައް ހުރުމުން އޭގެ ސަބަބުން ދައުލަތުގެ ހަރަދުތައް ދަނީ އިތުރުވަމުންނެވެ.
އެހެންވެ އެ ދެ ކުންފުނި ވެސް އުވާލަން ނިންމެވީ ހަރުދަނާ ނިޒާމެއްގެ ދަށުން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ބޭނުމުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ފެނަކަ އުވާލަން ނިންމިއިރު ފެނަކައާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން 161 މައްސަލައެއް ތަހުގީގު ކުރަމުން އެބަދެ އެވެ. އެ ތަހުގީގުތަކަށްފަހު 21.4 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެ ކުންފުންޏަށް ވެސް އެންގި އެވެ.
ފެނަކައިގެ އޮޑިޓް ރިޕޯޓްގައި ވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ކޯޕަރޭޝަނުން މުދަލާއި ހިދުމަތް ހޯދުމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހިމަނާފައިވާއިރު އޭގެ ތެރެއިން އެއް މައްސަލާގައި ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ޖަލު ހުކުމެއް ވެސް އިއްވި އެވެ.
މިވަގުތު އެ ކުންފުނީގައި 8،000 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.
އެ ކުންފުނީގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު އެހާ ގިނަވުމުން، އިދާރީ ގޮތުންނާއި ހިންގުމުގައި ބޮޑެތި ދަތިތައް ކުރިމަތިވަމުންދާ ކަމަށާއި އެހާ ގިނަ މުވައްޒަފުންނަށް މުސާރަ ދީފައި، ޖަނަރޭޓަރުތަކަށް ބޭނުންވާ ސްޕެއާޕާޓްތަކާއި ތެލާއި އެހެނިހެން ތަކެއްޗަށް ބޭނުންވާ ފައިސާ ހޯދަން ދަތިވާކަމަށް ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެ އެވެ.