ޖާބިރުގެ "ޑްރީމް ލޭންޑް" އާއި "ބީޗް ކްލަބް" ހުޅުވަނީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އއ. މަތިވެރީގައި ތަރައްގީ ކުރާ "ހަލާލް" ގެސްޓް ހައުސް ޖުލައި 26ގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.


މަތިވެރީގައި ތަރައްގީ ކުރާ "ޖާބިރު ބީޗް ކްލަބް" އަކީ 75 ކޮޓަރީގެ ގެސްޓް ހައުސްއެކެވެ. އަދި މަތިވެރި ކައިރީގައި އޮންނަ ފަޅުރަށެއްގައި ތަރައްގީ ކުރަން ފަށާ "ޖާބިރު ޑްރީމް ލޭންޑް" އަކީ 150 ކޮޓަރީގެ ރިސޯޓެކެވެ. މީގެ ތެރޭގައި 100 ބީޗް ވިލާ އާއި 50 ވޯޓާ ވިލާ ހިމެނޭނެ އެވެ. މި ދެ ތަން ވެސް ހިންގާނީ ޖާބިރުގެ ކުންފުނި، ރިޗް ކްލަބުންނެވެ.

"ޖާބިރު ޑްރީމް ލޭންޑު"ގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. އެގޮތުން، މިއަދު އެ ރަށް ސާފު ކުރުމުގެ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތުގައި ޖާބިރު ވަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.

ޖާބިރު "މިހާރު" އަށް ވިދާޅުވީ އޭނާ ބޭނުން ވަނީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރު ފަންތިއަކަށް ގެންދެވުމަށް ކަމަށެވެ. އެގޮތުން، ޖާބިރު ޑްރީމް ލޭންޑު ވެގެންދާނީ ހިދުމަތުގެ ގޮތުން ފުރިހަމަ އަގުހެޔޮ ތަނަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

މި ރިސޯޓާއި ގެސްޓް ހައުސްގެ ސަބަބުން މަތިވެރި ރައްޔިތުންނަށް އެކި ގޮތްގޮތުން ފައިދާ ވާނެ ކަމަށް ވެސް ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑު ބޭނުންވަނީ މިހާރު މިއޮތް ވަރަށް ވުރެ މަތީފަންތިއަކަށް ރާއްޖޭގެ ޓޫރިޒަމް ގެންދަން. އެގޮތުން މަތިވެރީގައި ހުޅުވާ ގެސްޓްހައުސް ވާނީ ހަލާލު ތަނަކަށް. އެތަނުން ރާ ފަދަ އެއްވެސް ހަރާމް އެއްޗެއް ނުވިއްކާނެ،" ޖާބިރު ވިދާޅުވި އެވެ.

"ޖާބިރު ޑްރީމް ލޭންޑު ވެގެންދާނީ ވަރަށް ތަފާތު ތަނަކަށް. އެތާނގައި ޑީޖޭ އާއި އެންޓަޓެއިންމެންޓުގެ ހަރަކާތްތައް ކުރިއަށްދާއިރު ކައިރި ރަށްތަކުން ވެސް މީހުންނަށް ދެވޭނެ. ރިސޯޓަކީ އެންމެނަށް ވެސް އެފޯޑު ކުރެވޭ ވަރުގެ ތަނަކަށް ވާނެ."

ޖާބިރު ޑްރީމް ލޭންޑުގެ ގޮތުގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ މަތިވެރި ފިނޮޅަކީ މިހާރު ވެސް އެ އަތޮޅުގެ ގިނަ ބަޔަކު ދަތުރު ދާ ރަށެކެވެ. އެހެންކަމުން ދަތުރު ދާ މީހުން އެ ރަށަށް ޕްލާސްޓިކާއި ކުނި ނޭޅުމަށް ޖާބިރު އިލްތިމާސް ކުރެއްވި އެވެ.

"އެ ރަށާ ކައިރި ރަށްތަކުން ޕިކްނިކް ދިޔަޔަސް ކުނި ނާޅާށޭ އަޅުގަނޑު ބުނާނީ. އަޅުގަނޑުމެންނަކީ ތިމާވެށި ރައްކާތެރި ކުރުމަށް، ޒީރޯ ޕްލާސްޓިކްގެ ވިސްނުން ގެންގުޅޭ ބަޔަކަށް ވާތީ،" ޖާބިރު ވިދާޅުވި އެވެ.