ދުނިޔޭގެ މުވާސަލާތީ ބާޒާރަށް ތައާރަފު ކުރާ ކޮންމެ "ޖީ" އެއްވެސް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫގެ ސީއީއޯ އަދި އެމްޑީ ނަޖީބު ޚާން ވިދާޅުވެއްޖެ އެވެ.

"މަރުހަބާ 2020" ގެ ނަމުގައި ރޭ އުރީދޫން ބޭއްވި ހާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ނަޖީބު ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ މުޅި ރާއްޖެ އެންމެ ފަހުގެ ޓެކްނޮލޮޖީން ގުޅުވާލުން ކަމަށެވެ. ރާއްޖެއަކީ ބައިބަޔަށް ބެހިފައިވާ ގައުމެއްކަން ފާހަގަކުރައްވާ ނަޖީބު ވިދާޅުވީ ގައުމުގެ ތަރައްގީއާ އުފެއްދުންތެރިކަމަށް ޓެކްނޮލޮޖީ އަކީ މުހިންމު އެއްޗެއް ކަމަށެވެ.

އުރީދޫ ރާއްޖޭގައި އޮޕްރޭޓް ކުރަމުން އަންނަތާ މިވީ 15 އަހަރު ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޓެލެކޮމިއުނިކޭޝަން ދާއިރާގެ އެންމެ ފަހުގެ ޓެކްނޮލޮޖީ ވަނީ ފޯރުކޮށްދީފަ އެވެ. ކުރިއަށް އޮތްތާނގައި ވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމަށް އެ ގޮތުގައި ދެމިތިބޭނެ ކަމަށް ނަޖީބު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނާއެކު މި ކުރާ ދަތުރުގައި 2ޖީ، 3ޖީ، 4ޖީ، އަދި 5ޖީ ގެ ހިދުމަތް އަޅުގަނޑުމެން މިވަނީ ދޭން ފަށާފައި. އަޅުގަނޑަކަށް ނޭނގޭ އަދި މި ދާއިރާ އަށް ކިތައް 'ޖީ' އަންނާނެ ކަމެއް. އެކަމަކު ކޮންމެ 'ޖީ' އެއް އަޔަސް އެ ހިދުމަތެއް އަޅުގަނޑުމެން ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށްދޭނަން." ނަޖީބު ވިދާޅުވި އެވެ.

ނަޖީބު ޚާން ވަނީ އެކުންފުނިން އެ ކުންފުނިން ފޯރުކޮށްދިން ގިނަ ހިދުމަތްތައްތަކުގެ ސަބަބުން މިއަދު ރާއްޖޭގެ އެތައް ދާއިރާއެއް ކުރިއަރާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. މީގެ ތެރޭގައި އިގްތިސާދީ ގޮތުން ކުރިއެރުން ލިބުމާއި ވިޔަފާރީގެ އާ ފުރުސަސަތުތައް ހުޅުވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އުރީދޫން މިވަނީ ހައިވޭއެއް އަޅައިދީފައި. މި ހައިވޭއާއެކު އާ ފުރުސަތުތައް ވެސް ހުޅުވިގެންދާނެ. މީގެ ތެރޭގައި ޑިޖިޓަލް ފައިނޭންސް އާއި ޑިޖިޓަލް އީ ކޮމާސް ފަދަ ވިޔަފާރިތައް ހިމެނޭ. މި ފުރުސަތުތަކަކީ ރާއްޖޭގެ ރައްޔިތުންނާ އުރީދުއާ އޮތް ގުޅުން ބަދަހިވެ މި ގައުމުގެ ރައްޔިތުން އުރީދު އަށް ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމެއް." ނަޖީބު ވިދާޅުވި އެވެ.

އުރީދޫން ވަނީ ރޭގެ ހަފްލާގައި އެ ކުންފުންޏަށް ފާއިތުވި އަހަރުތަކުގައި އެކި ގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ހަދާނީ ފިލާ ވެސް ހަވާލު ކޮށްފަ އެވެ.