ވެލާގެ މިދިޔަ މަހުގެ ސާވިސް ޗާޖުގެ ގޮތުގައި 46،356ރ. ބަހައިފި

ވެލާ ޕްރައިވެޓް އައިލެންޑުގެ މުވައްޒަފުންނަށް މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 3006.26 ޑޮލަރު (46،356ރ.) ބަހައިފި އެވެ.


"މޯލްޑިވްސް ސާވިސް ޗާޖް" ގައި އާއްމު ކޮށްފައިވާ މިދިޔަ ޖެނުއަރީ މަހުގެ ސާވިސް ޗާޖުގެ ތަފާސްހިސާބުތައް ދައްކާގޮތުން، އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައި ވަނީ ވެސް ވެލާއިންނެވެ. މިއީ އޭގެ ކުރީގެ މަހާ [މިދިޔަ އަހަރުގެ ޑިސެމްބަރު މަސް] އަޅާ ބަލާއިރު 25،859ރ. އިތުރު ވުމެކެވެ. މިދިޔަ ޑިސެމްބަރު މަހު އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބަހާފައިވަނީ 1،329 ޑޮލަރު (20،497ރ) އެވެ.

ދެވަނަ އަށް އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ޝަވަލް ބްލާންކް ރަންދެލިންނެވެ. އެ ރިސޯޓުން މިދިޔަ މަހު ވަނީ ސާވިސް ޗާޖުގެ ގޮތުގައި 2533.33 ޑޮލަރު (39،063ރ.) މުވައްޒަފުންނަށް ބަހައިފަ އެވެ. މިއީ ޑިސެމްބަރު މަހާ އަޅާ ބަލާއިރު 9715ރ. ގެ ކުރިއެރުމެކެވެ.

ވެލާ އާއި ރަންދެލި ރިސޯޓަކީ މިދިޔަ އަހަރު ވެސް ސާވިސް ޗާޖުގެ ލިސްޓުގައި އެންމެ ކުރީގައި އުޅޭ ދެ ރިސޯޓެެވެ. މީގެ އިތުރުން، ވޮއްމުލި ރިސޯޓަކީ ވެސް މި ލިސްޓުގެ ކުރީގައި އުޅޭ ރިސޯޓެކެވެ. ނަމަވެސް މިދިޔަ މަހުގެ ލިސްޓުގައި ވޮއްމުލި ވަނީ ހަވަނައަށް ވެއްޓިފަ އެވެ. އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ބެހީ 1,940.25 ޑޮލަރު (29,918ރ.) އެވެ.

"މޯލްޑިވްސް ސާވިސް ޗާޖް" ލިސްޓަކީ ރާއްޖޭގައި އޮޕްރޭޓް ކުރާ ރިސޯޓުތަކުގެ މުވައްޒަފުން ފޮނުވާ މައުލޫމާތަށް ބަލައި ތައްޔާރު ކުރާ ލިސްޓެކެވެ. މި ލިސްޓަށް މިދިޔަ މަހު 67 ރިސޯޓުން ވަނީ މައުލޫމާތު ފޮނުވައިފަ އެވެ. މިލިސްޓަށް މައުލޫމާތު ފޮނުވާފައި ރިސޯޓުތަކުގެ ތެރެއިން 24 ރިސޯޓުގެ ސާވިސް ޗާޖު އުޅެނީ 1،000 ޑޮލަރަށް ވުރެ މަތީގަ އެވެ.

ލިސްޓުގެ އެންމެ ފަހަތުގައި އުޅެނީ ހޮނޑާފުށި އައިލެންޑް ރިސޯޓެވެ. އެ ރިސޯޓުން މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި ބެހީ 56 ޑޮލަރު (863ރ) އެވެ.