ކޮވިޑް-19: ތޮއްޑޫ ގެސްޓް ހައުސްތައް މި މަހުގެ ނިޔަލަށް ބަންދުކޮށްފި

ރާއްޖެ އިން ވެސް ކޮރޯނާވައިރަސް ޖެހިފައިވާ އަށް މީހަކު ފެނުމާ ގުޅިގެން، އެ ވައިރަސް ފެތުރުން ހުއްޓުވުމަށްޓަކައި، އއ. ތޮއްޑޫގެ ގެސްޓް ހައުސްތަކަށް މި މަސް ނިމެންދެން އިތުރަށް ޓޫރިސްޓުން ނުގެންދަން ނިންމައިފި އެވެ.


ތޮއްޑު އަކީ އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ކުރިއަށް ގެންދާ އެއް ރަށެވެ. އެ ރަށުގައި 34 ގެސްޓް ހައުސް ހިންގާ އިރު އެއީ ގާތްގަނޑަކަށް 300 އެނދެވެ.

ކަރަލާއި ދަނޑުވެރިކަމުގެ އުފެއްދުންތައް ހެއްދުމަށް މަޝްހޫރު ތޮއްޑޫގެ ކައުންސިލްގެ ނައިބު ރައީސް ހަސަން އަބްދުﷲ މިއަދު ވިދާޅުވީ، އެ ރަށުގެ ގެސްޓް ހައުސްތަކަށް އިތުރަށް ގެސްޓުން ނުގެންދަން ނިންމީ، ކޮވިޑް-19 އާ ގުޅިގެން، ރަށުގެ ރައްޔިތުންނާއި ކައުންސިލާއި ގެސްޓް ހައުސްތަކުގެ މަޝްވަރާގެ މަތިން ކަމަށެވެ.

ކައުންސިލްގެ އިސްނެގުމުގެ މަތިން ނިންމާފައިވާ އެ ނިންމުމުގެ ދަށުން، ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި އެ ރަށުގައި މިހާރު ތިބި ހުރިހާ ގެސްޓުން ފުރައިގެންދާނެ އެވެ.

ތޮއްޑޫގައި މިހާރު 50 ޕަސެންޓާ ގާތްކުރާ އަދަދަކަށް ޓޫރިސްޓުން އެބަތިއްބެވެ.

ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި ގޮތުގައި، ގެސްޓް ހައުސްތަކުގެ އެއްބާރުލުމާ އެކު، މި ނިންމުން ނިންމީ ތޮއްޑު އަކީ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ވެސް ކުރާ ރަށަކަށް ވާތީ ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ވެސް ސަލާމަތް ވުމަށެވެ.

"އެހެން ރަށްރަށާ ހިލާފަށް ތޮއްޑޫ އަކީ ދަނޑުވެރިކަން ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ ރަށެއް. ކޮވިޑް-19 ފަދަ ބައްޔެއް ފެތުރިއްޖެ ނަމަ ރަށުގައި ހައްދަމުންދާ ދަނޑުތަކަށް ވެސް އަޅައިލުމަށް ދަތިތަކާ ކުރިމަތި ވެދާނެ،" އޭނާ ވިދާޅުވި އެވެ.

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހަށް، ތޮއްޑޫގައި ދަނޑުވެރިކަމަށް ހާއްސަ ކޮށްގެން 118 ބިމެއް ވަނީ ދޫކޮށްފަ އެވެ. އެގޮތުން ކަރަލާއި ކިއުކަންބާ އާއި ކޮޕީފަތް ގިނަ އަދަދަކަށް އެ ރަށުގައި އަންނަނީ އުފައްދަމުންނެވެ.

ތޮއްޑޫގެ އިތުރުން ގއ. ގެމަނަފުށިން ވެސް ވަނީ މި ދުވަސްވަރު ސަފާރީތަކުން ގެސްޓުން އެ ރަށަށް ނުފޭބުމަށް އިލްތިމާސް ކޮށްފަ އެވެ. އެފަދަ ނިންމުމެއް ނިންމީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާފައި ކަމަށް އެ ރަށު ކައުންސިލުން ބުނެ އެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ އަށް މީހުންނަކީ ވެސް ބިދޭސީންނެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ހަތަރު މީހަކާއި ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގެ ދެ މީހެއް އަދި ކުރަމަތި މޯލްޑިވްސް ރިސޯޓުގެ ދެ މީހެކެވެ. އެ އެންމެނަކީ ގެސްޓުން ކަމެއް ނުވަތަ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ކަމެއް އަދި ސާފެއް ނުވެ އެވެ.