ކޮވިޑް-19: އެމްޕީއެލްގެ 60 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު މީހުންނަށް މުސާރައާ އެކު ޗުއްޓީ

ކޮވިޑް-19 ރޯގާ ފެތުރޭތީ، މޯލްޑިވްސް ޕޯޓްސް ލިމިޑެޓް (އެމްޕީއެލް) ގެ މުވައްޒަފުންގެ ތެރެއިން 60 އަހަރުން މަތީގެ މުވައްޒަފުންނާއި މާބަނޑު އަންހެނުންނަށް މުސާރަ ލިބޭ ގޮތަށް ޗުއްޓީއެއް ދީފި އެވެ.


އެމްޕީއެލުން ބުނީ އެ ކުންފުނީގެ 70 ވަރަކަށް މުވައްޒަފުންނަށް މި ބަދަލުގެ ސަބަބުން ލުއި ލިބޭނެ ކަމަށެވެ. އެ ކުންފުނިން ބުނި ގޮތުގައި، މިގޮތަށް ހެދީ ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނަށް ކަމަށް ވާތީ ރައްކާތެރިކަން ދިނުމުގެ ބޭނުމުގަ އެވެ.

މާލެ އާއި އަތޮޅުތަކުގެ ޕޯޓްތަކާއި އެމްޕީއެލްގެ ބަސް ދަތުރުތަކުގައި އުޅޭ އެ ތަނުގެ މުވައްޒަފުންނަށް ވެސް މި ލުއި ލިބޭނެ އެވެ.

ކޮވިޑް-19 ޖެހިފައިވާ 13 މީހަކު މިހާތަނަށް ރާއްޖޭން ވަނީ ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ޓޫރިސްޓުންނާއި ރިސޯޓްތަކުގެ ބިދޭސީ މުވައްޒަފުންނެވެ. މުޅި ދުނިޔޭގައި މި ބަލި ފެތުރެމުން ދާތީ ރާއްޖެ އަށް ވެސް ނުރައްކާ ބޮޑުކަމުން މިހާރު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

ކޮވިޑް-19 ފެތުރޭތީ ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކުން ވަނީ ރައްކާތެރިކަމުގެ ގޮތުންނާއި ހަރަދު ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އަޅައިފަ އެވެ. އެގޮތުން ހިދުމަތް ދިނުމުގައި ވެސް މުވައްޒަފުންނާ ސީދާ ދިމާނުވާ ގޮތަށް، އޮންލައިންކޮށް ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ އިންތިޒާމުތައް ވަނީ ފަހިކޮށްފަ އެވެ.