ވިޔަފާރިތަކަށާއި އާންމުންނަށް ދޫކޮށްފައިވާ ލޯނުތައް ދެއްކުމުގައި ލުއިތަކެއް ދިނުމާ ބެހޭ ގޮތުން މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު ބުނެފި އެވެ.
އެމްއައިބީން ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ގޮތުން ދަތި މި ދަނޑިވަޅުގައި، އެ ބޭންކްގެ ކަސްޓަމަރުންނަށް އެހީތެރިވެދިނުމުގެ ގޮތުން ލުއި ގޮތްތަކެއް ހޯދައިދޭނެ ކަމަށެވެ. އަދި އެއާ ބެހޭ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި އާންމު ކުރާނެ ކަމަށް ވެސް، ގެދޮރަށާއި ވިޔަފާރި އަދި އާންމު ދިރިއުޅުމުގެ ގިނަ ކަންކަމަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނީ މި ދަނޑިވަޅުގައި ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ. އެގޮތުން ކުރު ރާސްތާ އާއި ދިގު ރާސްތާއަށް އަމާޒުކޮށޤ ސަރުކާރާއި އެމްއެމްއޭން އަޅާ ފިޔަވަޅުތަކަށް ވެސް އެއްބާރުލުން ދޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.
އެމްއައިބީން ބުނީ އެ ބޭންކަށް ހިދުމަތް ހޯދަން ދާ މީހުންނާއި ބޭންކްގެ މުވައްޒަފުންގެ ރައްކާތެރިކަމަށް ބޭންކްގެ ކަސްޓަމާ ސާވިސް އަބަދުހެން ސާފުކުރަމުން އަންނަ ކަމަށެވެ. އެކަމަކު އެ ބޭންކްގެ ފައިސާމޯބައިލް އާއި ފައިސާނެޓް ބޭނުން ކުރަން އާންމުންގެ ކިބައިން އެމްއައިބީން އެދެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް އަންނަ ލޮޅުމުން އަރައިގަތުމަށްޓަކައި ވިޔަފާރިތަކަށް އެހީތެރިވެދިނުމުގެ ގޮތުން 2.5 ބިލިއަން ރުފިޔާގެ ލޯނު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.