ހުޅުމާލޭގައި ތަރައްގީ ކުރާ އަކުއާވިޓާ ރެޒިޑެންސީގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ލޭބަރުންގެ ރައްކާތެރި ކަމަށް އެކުންފުނިން ހާއްސަ ފިޔަވަޅުތަކެއް އަޅައިފި އެވެ.
އެ ކުންފުނިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި މިވަނީ ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރުން ހުއްޓުވައި އެ ކުންފުނީގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގަ އެވެ. އަކުއާވިޓާ ރެޒިޑެންސީގައި 250 އަށް ވުރެ ގިނަ މުވައްޒަފުންނާއި ލޭބަރުން މަސައްކަތް ކުރެ އެވެ.
އަކުއާވިޓާގެ ލޭބަރުންގެ އެކޮމޮޑޭޝަން ހަމަޖެހިފައިވަނީ މަސައްކަތް ކުރާ ސައިޓު ތެރޭގަ އެވެ. އެހެންކަމުން އެ ސައިޓުން އެއްވެސް ލޭބަރަކު ބޭރަށް ދާނަމަ މިހާރު ހާއްސަ ހުއްދައެއް ނަގަން ޖެހޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި އަބަދު ވެސް ހޭންޑް ސެނިޓައިޒާ ބޭނުން ކުރަން ލޭބަރުންނަށް ވަނީ އަންގައިފަ އެވެ. މި ސެނިޓައިޒާ ފޯރު ކޮށްދޭނީ އަކުއާވިޓާއިންނެވެ.
މީގެއިތުރުން ކޮންމެ ދުވަހަކު ލޭބަރުންގެ ހުން ބެލުމާއި އެ ކުންފުނީގެ އޮފީހާއި ސައިޓު އަދި ލޭބަރުންގެ އެކޮމޮޑޭޝަން ސެނިޓައިޒް ކުރުމަކީ ވެސް އަކުއާވިޓާއިން މި ދަނޑިވަޅުގައި ކުރަމުން ގެންދާނެ ކަންތައްތަކެވެ. އަދި ލޭބަރުންގެ އިތުރުން މަސައްކަތް ކުރިއަށްދާ ސައިޓަށް ވަންނަ ކަސްޓަމަރުންނާއި މުވައްޒަފުން ފިޔަވައި އިތުރު މީހުން ވަނުން ވެސް ވަނީ މިހާރު މަނާކޮށްފަ އެވެ. އަކުއާވިޓާ ރެޒިޑެންސީ ބަލަން ސައިޓަށްދާ ކަސްޓަމަރުންގެ ޒިޔާރަތް ކުރާ ގަޑިތަކަށް ވެސް ވަނީ މަދުކޮށްފަ އެވެ.
އަކުއާވިޓާއިން ބުނީ އެ ކުންފުނިން އެޅި މި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ރާއްޖޭގައި އޮތް ހާލަތު ބަދަލުވަންދެން ކުރިއަށްދާނެ ކަމަށެވެ. މި ދަނޑިވަޅު ސަރުކާރުންނާއި ކަމާބެހޭ ފަރާތްތަކުން ނިންމާ ނިންމުންތަކަށް އެއްބާރުލުންދީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އެޅޭނެ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ހުޅުމާލޭގައި ތަރައްގީ ކުރާ މި އެޕާޓްމަންޓުތަކަކީ ޒަމާނާ ގުޅޭގޮތަށް ފަރުމާކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ގާއިމުކޮށްފައިވާ ޖާގައިގެ ގޮތުން ބޮޑު އެޕާޓްމަންޓުތަކެކެވެ. މި ރެޒިޑެންސީގެ ސްޓްރަކްޗާގެ މަސައްކަތް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ވަކި ވަކި ޔުނިޓުތަކުގެ މަސައްކަތްތަކެވެ. މި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓު www. Aquavita.mv. މެދުވެރިކޮށް ވެސް ބަލާލެވޭނެ އެވެ.