ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގޮތަށް ހުޅުމާލޭގައި ތަރައްގީކުރާ، އަކުއާ ވިޓާ ރެޒިޑެންސީގެ 60 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން ގިނަ އަދަދެއްގެ ކޮންސްޓްރަކްޝަން ސައިޓުތަކުގެ މަސައްކަތް ހުއްޓިފައި އޮތް ނަމަވެސް އަޅަން ޖެހޭ މުހިންމު ފިޔަވަޅުތަކާ އެކު އަކުއަވިޓާ އިން ވަނީ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އެހެންކަމުން މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
އަކުއާ ވިޓާ އިން ވަނީ އެ ކުންފުނީގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ލޭބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މުހިންމު ފިޔަވަޅުތަކެއް ވެސް އަޅައިފަ އެވެ. އެގޮތުން އެ ސައިޓުގައި މަސައްކަތް ކުރާ ލޭބަރުން ތިބޭ އިންތިޒާމް ސައިޓުގައި ހަމަޖައްސާފައިވާއިރު މި ދަނޑިވަޅު އެ ސައިޓުން އެއްވެސް ލޭބަރަކު ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އެހެންކަމުން ކޮވިޑް-19 އަށް އެ ސައިޓުގެ ލޭބަރަކު ހުށަހެޅޭނެ ގޮތެއް ނޯންނާނެ ކަމަށް އެ ކުންުފުނިން ބުންޏެވެ.
މީގެ އިތުރުން ކޮންމެ ދުވަހަކު މަސައްކަތް ފެށުމުގެ ކުރިން ލޭބަރުންގެ ހުން ބެލުމާއި ރެންޑަމްކޮށް ހުން ބެލުން ވެސް ކުރިއަށްގެންދެ އެވެ. އަދި ސެނިޓައިޒާ ވެސް އެ ކުންފުނިން ވަނީ ލޭބަރުންނަށް ފޯރުކޮށްދީފަ އެވެ. އެކުއާ ވިޓާ އިން ވަނީ މިދިޔަ އޭޕްރިލް މަހުން ފެށިގެން އެ ކުންފުނީގެ ލޭބަރުންގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ކުރިން އަކުވާ ވިޓާ ރެޒިޑެންސީގެ އެޕާޓްމަންޓުތައް ހުންނަ ގޮތް ބަލައިލުމުގެ ފުރުސަތު ވެސް ކަސްޓަމަރުންނަށް ދިން ނަމަވެސް މާލެއިން ވައިރަސް ފެނުމާ އެކު ބޭރުން މީހުން ސައިޓަށް ޒިޔާރަތް ކުރުން ވެސް ވަނީ މެދުކަނޑާލައިފަ އެވެ. ނަމަވެސް މާދަމާ އިން ފެށިގެން އަލުން އެ ފުރުސަތު ހުޅުވާލާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަކުއާ ވިޓާއިން ބުނިގޮތުގައި އެ ސައިޓަށް ޒިޔާރަތް ކުރާ މީހުން ތިބެން ޖެހޭނީ މާސްކު އަޅައިގެންނެވެ. އަދި ސައިޓު ތެރޭގައި ސޯޝަލް ޑިސްޓެންސް ބަހައްޓަން ޖެހޭނެ އެވެ. އެ ރެޒިޑެންސީގެ ސައިޓު ބަލަން ބޭނުންވާ މީހުންނަށް އަކުއާ ވިޓާގެ ނަންބަރު ( 7708866 ، 7388866 ނުވަތަ 7288661 ) އަށް ގުޅާލުމުން އެޕޮއިންޓްމަންޓް ހަމަޖެހޭނެ އެވެ.
ހުޅުމާލޭގައި ތަރައްގީ ކުރާ މި އެޕާޓްމަންޓުތަކަކީ ޒަމާނާ ގުޅޭގޮތަށް ފަރުމާކޮށް، އެންމެ ފަހުގެ ޓެކްނޮލޮޖީ ގާއިމުކޮށްފައިވާ ޖާގައިގެ ގޮތުން ބޮޑު އެޕާޓްމަންޓުތަކެކެވެ. މި ރެޒިޑެންސީގެ ސްޓްރަކްޗާގެ މަސައްކަތް އެއްކޮށް ނިމިފައިވާއިރު މިހާރު ކުރިއަށްދަނީ ކުޑަދޮރުތައް ހަރުކުރުމުގެ މަސައްކަތެވެ. މި ޕްރޮޖެކްޓާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓު www.Aquavita.mv. މެދުވެރިކޮށް ވެސް ބަލާލެވޭނެ އެވެ.