ޖޫން މަހު އެންމެ ގިނައިން އެތެރެ ކުރީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނު

މިދިޔަ ޖޫން މަހު އެންމެ ގިނައިން ރާއްޖެއަށް އެތެރެކޮށްފައިވަނީ މެޝިނަރީ އާއި އިލެކްޓްރިކް ސާމާނު ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.


ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކާފައިވާ ގޮތުގައި މެޝިނަރީ އާއި އިލެކްޓްރިކް ސާމާނުގެ ގޮތުގައި 405 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވެ އެވެ.

ކޮވިޑް-19 ކޮންޓްރޯލްކޮށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވެންޓިލޭޓަރާއި ގިނަ އަދަދެއްގެ މެޝިނަރީ މި ދުވަސްވަރު ވަރަށް ގިނައިން އެތެރެކޮށްފައިވެ އެވެ.

ވިޔަފާރީގެ ހަރަކާތްތައް މުޅި ދުނިޔޭގައި ވެސް ކޮވިޑް-19 އާ ހެދި ވަނީ މަޑުޖެހިފަ އެވެ. މި ހާލަތުގެ ތެރޭގައި ޖޫން މަހު 2.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އަށް އެތެރެކޮށްފައިވެ އެވެ. އިމްޕޯޓް ކުރި ބާވަތްތަކުން ދެވަނަ އަށް އެންމެ ގިނައިން އެތެރެކުރީ ކާބޯތަކެއްޗެވެ. އެގޮތުން މިދިޔަ މަހު 292 މިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފަިއވެ އެވެ. ރާއްޖެ އަށް އެންމެ ގިނައިން ތަކެތި ގެނެސްފައިވަނީ ޗައިނާ އާއި އިންޑިއާ އާއި ސިންގަޕޫރުންނެވެ.

މިދިޔަ މަހު ރާއްޖެ އިން ވަނީ 213 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފަ އެވެ. މީގެ ތެރޭގައި ކަޅުބިލަމަހާއި ކަންނެލި ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވެ އެވެ. އެންމެ ގިނަ އަދަދަކަށް ތަކެތި އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑާއި އިޓަލީ އާއި އިނގިރޭސިވިލާތާއި ޖަރުމަނަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާ އިރު ރާއްޖޭގެ އެކްސްޕޯޓް އަދި އިމްޕޯޓް ވެސް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ. އެގޮތުން އެކްސްޕޯޓް 33 ޕަސެންޓް ދަށަށް ދިޔަ އިރު އިމްޕޯޓް 36 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ. މިއާ އެކު އިމްޕޯޓް-އެކްސްޕޯޓުން ލިބުނު އާމްދަނީ ވެސް ވަނީ 21 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ޖޫން މަހު އިމްޕޯޓް-އެކްސްޕޯޓް އާމްދަނީގެ ގޮތުގައި ލިބުނީ 211 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޖޫން މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 266 މިލިއަން ލިބުނެވެ.