ރާއްޖޭގެ އަމިއްލަ އެއާލައިނެއް ކަމަށްވާ މެގަ މޯލްޑިވްސް އިން ސްރީ ލަންކާ އަށް ހަފުތާއަކު ތިން ފްލައިޓް ބާއްވަން ނިންމައި ދެކޮޅު ދަތުރެއްގެ އަގުގެ ގޮތުގައި 165 ޑޮލަރު ހަމަޖައްސައިިިފި އެވެ. މިއީ މާލެ އާއި ލަންކާއާ ދެމެދު އުދުހޭ އެއާލައިންތަކުގެ ތެރެއިން ދެކޮޅު ދަތުރުގެ އެންމެ ހެޔޮ އަގެވެ.

މެގައިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ ތިނެއްގައި މާލެ އާއި ލަންކާގެ ވެރިރަށް ކޮލަމްބޯއާ ދެމެދު ދަތުރު ފަށާއިރު، ކޮންމެ ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ފްލައިޓް އޮންނާނެ ކަމަށެވެ. ރާއްޖެ ގަޑިން މެންދުރުފަހު 1:10 ގައި މާލެއިން ފުރާ ފްލައިޓް އެނބުރި މާލެ އަންނަން ފުރާނީ ލަންކާ ގަޑިން 3:50 ގައި ކަމަށް ބުންޏެވެ.

މެގައިން ބުނީ ލަންކާ ދެކޮޅު ދަތުރުގެ އަގު ފެށޭނީ 165 ޑޮލަރަށް ކަމަށެވެ. މިއީ ރާއްޖެ އާއި ލަންކާއާ ދެމެދު މިހާރު އުދުހޭ އެއާލައިންތަކުން ވިއްކާ ޓިކެޓުގެ އަގަށް ވުރެ ހެޔޮ އަގެއް ކަމަށް ވާއިރު، މެގައިން ވިއްކާ އެއްކޮޅު ޓިކެޓެއްގެ އަގު އުޅޭނީ 70-95 ޑޮލަރާ ދެމެދު އެވެ.

މީގެ އިތުރުން، މެގަ އިން ސީޒަން ތެރޭގައި އުދުހޭ މެލޭޝިއާގެ ކުއަލަ ލަމްޕޫރާއި ސައުދީ އަރަބިއްޔާގެ ޖިއްދާ އަށް ކުރާ ދަތުރުތައް ވެސް އަންނަ މަހުގެ 15 ގައި އަލުން ފަށަން ވަނީ ނިންމައިފަ އެވެ. އެގޮތުން، މެލޭޝިއާ އަށް ހަފުތާއަކު ހަތަރު ފަހަރު އަދި ޖިއްދާ އަށް ހަފުތާއަކު ތިން ދުވަހު އުދުހޭނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

އިންޑިއާ އަށް ދަތުރުތައް ފެށުމަށް ބޭނުންވާ ހުއްދަ ވެސް އެ ގައުމުގެ ސިވިލް އޭވިއޭޝަނުން މެގަ އަށް ވަނީ މިދިޔަ މަހުގެ 17 ގައި ދީފަ އެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަށް ދަތުރު ފަށަން ތައްޔާރުވަމުން އަންނައިރު، އިންޑިއާގެ ވިޔަފާރީގެ މަރުކަޒު ކަމަށްވާ މުމްބާއީ އަށް ވެސް ދަތުރު ފަށަން ވަނީ ނިންމައިފަ އެވެ.

އެމެރިކާ ކުންފުންޏަކާއި ދިވެހި ކުންފުންޏަކުން ގުޅިގެން 2009 ވަނަ އަހަރު ފެށި މެގަ އަށް ވަނީ ޗައިނާއިން އަންނަ ޓޫރިސްޓުންގެ އަދަދު މަދުވުމުގެ ސަބަބުން މާލީ ދަތިކަމާ ކުރިމަތިވެފަ އެވެ. އެގޮތުން، އެ އެއާލައިންގެ 65 މަގާމެއް އުވާލައި ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށް، ކުންފުނި ރީސްޓްރަކްޗާ ކުރަން ވަނީ ނިންމައިފަ އެވެ.

އެހެން ނަމަވެސް، މެގައިން ވަނީ އާ ބޯޓެއް މިދިޔަ މަހު ގެެނެސްފަ އެވެ. އަދި މިހާރު ގިނައިން ޗައިނާ އަށް ދަތުރު ކުރާ އެއާލައިނުން ވަނީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށަން ނިންމައިފަ އެވެ.