ކޮވިޑް-19އާ ގުޅިގެން ޖީޑީޕީ (އުފެއްދުންތެރިން) އެންމެ ބޮޑަށް ވެއްޓުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

އެމެރިކާގެ ވިސާ ވެއިވާ ފާމެއް ކަމަށްވާ "އެސްޓާ"އިން ކުރި ދިރާސާއަކުން ދައްކާގޮތުގައި ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19އާ ގުޅިގެން ޖީޑީޕީ ދަށްވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެނީ ފަސް ވަނައިގަ އެވެ. ރާއްޖޭގެ ޖީޑީޕީ 6.9 ޕަސެންޓު ދަށްވެފައިވާ ކަމަށް މި ދިރާސާއިން ދައްކަ އެވެ. މިތަނުން މައުލޫމާތުތައް ނަގާފައިވަނީ ވޯލްޑް ބޭންކާއި ވޯލްޑް ޓްރެވެލް އެންޑް ޓޫރިޒަމް ކައުންސިލުންނެވެ.

މި ލިސްޓުގެ އެއްވަނައިގައި ހިމެނެނީ ޓާކްސް އެންޑް ކެއިކޯސް އައިލެންޑް އެވެ. އަދި ދެ ވަނައިގައި އަރޫބާ ހިމެނޭއިރު ތިން ވަނައިގައި ހިމެނެނީ މަކާއޯ އެސްއޭއާރު އެވެ.

ދިރާސާގައި ބުނެފައިވާގޮތުގައި ޖީޑީޕީ އެންމެ ބޮޑަށް ދަށްވެފައި ވަނީ ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމަށް ކުރި އަސަރުގެ ސަބަބުންނެވެ. އެގޮތުން މި ލިސްޓުގައި ހިމެނޭ ހުރިހާ ގައުމަކީ ވެސް ޓޫރިސްޓު މަންޒިލްތަކުގެ ގޮތުގައި މަޝްހޫރު ގައުމުތަކެވެ.

މި ވައިރަސްގެ ރާއްޖެ އަށް ވެސް އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ޓޫރިޒަމް ދާއިރާއިންނެވެ. ރާއްޖޭގެ ޓޫރިޒަމް ހުއްޓިފައި އޮންނަތާ ހަތަރު މަހެއްހާ ދުވަސް ފަހުން އަލުުން ބޯޑަރު ހުޅުވާލީ މިދިޔަ މަހުގެ 15 ގަ އެވެ. ނަމަވެސް މިހާތަނަށް ރިސޯޓުތަކުން އުއްމީދު ކުރި ވަރަށް ރާއްޖެ އަށް އައިސްފައެއް ނުވެ އެވެ.

ޖީޑީޕީ އެންމެ ބޮޑަށް ދަށްވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު ކުރިއަށް އޮތް ދުވަސްތަކުގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުކުރެވިއްޖެ ނަމަ ރާއްޖޭގެ ޖީޑީޕީ މައިނަސް 11 އަށް ވެއްޓޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ލަފާކޮށްފަ އެވެ. އަދި ރާއްޖޭގެ އިގްތިސާދު މިދިޔަ އަހަރު އޮތް ހިސާބަށް ދެވޭނީ 2022ގައި ކަމަށް ވެސް އެ މިނިސްޓްރީން ގަބޫލު ކުރެ އެވެ.

އެސްޓާއިން ވަނީ ޖީޑީޕީ އަށް އަސަރު ކުރި ގައުމުތަކުގެ އިތުރުން ކޮވިޑް-19އާ ގުޅިގެން އާމްދަނީ އެންމެ ބޮޑަށް ދަށްވި 20 ގައުމުގެ ލިސްޓެއް ވެސް ނެރެފަ އެވެ. ނަމަވެސް މި ލިސްޓުގައި ރާއްޖެއެއް ނުހިމެނެ އެވެ. މި ލިސްޓުގެ އެއްވަނައިގައި 30.7 ބިލިއަން ޑޮލަރުގެ ގެއްލުމާއެކު އޮތީ އެމެރިކާ އެވެ. އަދި މުޅި ދުނިޔެ އަށް މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ވަނީ 195 ބިލިއަން ޑޮލަރުގެ ގެއްލުން ވެފަ އެވެ.