ކޮވިޑް-19ގެ ސަބަބުން އެރި އިގްތިސާދީ ލޮޅުމުގައި ބޮލަކަށް އާމްދަނީ 10،000 ޑޮލަރުން 6،000 ޑޮލަރަށް ދަށްވެއްޖެ އެވެ.
މިހާ ބޮޑު ދަށްވުމެއް އައީ އިގްތިސާދީ ކުރިއެރުން ހުއްޓުމަކަށް އައިސް ޖީޑީޕީ މައިނަސް 27 ޕަސެންޓަށް ވެއްޓުމުގެ ސަބަބުންނެވެ. ނަމަވެސް މި އަހަރު އިގްތިސާދު ހިނގައިގަތުމާ އެކު، ބޮލަކަށް ޖެހޭ އާމްދަނީ މި އަހަރު ނިމޭއިރު 7،500 ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެ އެވެ.
އާމްދަނީން ބޮލަކަށް ޖެހޭ މިންވަރު ބަލަނީ އުފެއްދުންތެރިކަން އެ ގައުމެއްގެ އާމްދަނީގެ ނިސްބަތުން ބަލައިގެންނެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން 2015 އިން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ދިޔައީ ވަރަށް ބާރަށް ކުރިއަރަމުންނެވެ. އެ މުއްދަތުގައި އުފެއްދުންތެރިކަން 63 ބިލިއަން ޑޮލަރުން 86 ބިލިއަން ޑޮލަރަށް އެރި އެވެ.
މިދިޔަ އަހަރު ކޮވިޑްގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ހީނަރުކަމުގައި އުފެއްދުންތެރިކަން ވަނީ 57 ބިލިއަން ޑޮލަރަށް ދަށްވެފަ އެވެ.
ފަހުގެ ތާރީހެއްގައި ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ދަށަށް ދިޔައީ އޭޝިއާ ސަރަހައްދަށް 2004 ވަނަ އަހަރު އެރި ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކުގަ އެވެ. އެފަހަރު ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަން 13 ޕަސެންޓް ދަށަށް ދިޔަ އެވެ. ކޮވިޑާ ހެދި މިއަށް ވުރެ ވެސް ބޮޑު ހީނަރުކަމެއް ވަނީ ކުރިމަތިވެފަ އެވެ.
ކޮވިޑްގެ ސަބަބުން، އަމިއްލަ ގިނަ ވިޔަފާރިތަކެއް ބަނގުރޫޓްވި އިރު އެތައް ބައެއްގެ ވަޒީފާ ވެސް ގެއްލިގެންދިޔަ އެވެ. އެހެންވެ އާންމުންގެ ދިރިއުޅުމުގެ ހާލަތަށް ވަނީ ވަރަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފަ އެވެ.