ރާއްޖޭން ބޭރުގައި ބޭއްވި ފެއާއެއްގައި އެމްއެމްޕީއާރުސީއާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް މީހުން ބައިވެރިވަނީ-- ފޮޓޯ: އެމްއެމްޕީއާރުސީ
01 ސެޕްޓެމްބަރ 2020 - 16:36
ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން "ރީ ޑިސްކަވާ މޯލްޑިވްސް"ގެ ނަމުގައި އެމްއެމްޕީއާރުސީން ހާއްސަ ވެބިނާ ސީރީޒެއް ފަށައިފި އެވެ.
އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވެބިނާ ސީރީޒަކީ ރާއްޖޭގެ ޓޫރިޒަމް ރަނގަޅު ކުރުމަށް ދާއިރާގެ ބޮޑެތި މާކެޓުތަކުގެ ޓްރެވަލް ޓްރޭޑް ފަރާތްތަކަށާއި މީޑިއާތަކަށް ހާއްސަކޮށްގެން ބާއްވާ ވެބިނާތަކެކެވެ. މި ވެބިނާ ސީރީޒް ކޮންމެ ހަފްތާއަކު އެއް ދުވަހު އެއްގަޑިއިރަށް ކުރިއަށްދާނެ އެވެ. މި ވެބިނާގައި އެމްއެމްޕީއާރުސީގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިސް މީހުން ބައިވެރިވާނެ އެވެ.
އެމްއެމްޕީއާރުސީން ބުނިގޮތުގައި މި ވެބިނާގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ދިމާވި ދަތިތަކާއި އެކަންކަމުން އަރައިގަތުމަށް އެޅި ފިޔަވަޅުތަކުގެ އިތުރުން "ނިއު ނޯމަލް"ގެ ދަށުން ޓޫރިސްޓުންނާ ގުޅުން ހުރި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ އެވެ. މިއީ ރާއްޖެއަކީ ރައްކާތެރި ގައުމެއް ކަން ޓޫރިސްޓުން ޔަގީން ކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ވެބިނާއެއް ކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.
މި ވެބިނާއަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުން ކުރަމުން އަންނަ ޓެގްލައިން "ރީ ޑިސްކަވާ މޯލްޑިސް، ދަ ސަނީ ސައިޑް އޮފް ލައިފް" ގެ ދަށުން ކުރިއަށްގެންދާ ވެބިނާއެކެވެ. މީގެ ސަބަބުން ބޮޑެތި މާކެޓުތަކުގައި ރާއްޖެއަކީ ރައްކާތެރި ގައުމެއްގެ ގޮތުގައި އިޝްތިހާރުވެ ޓޫރިސްޓުން އަންނަ އަދަދު އިތުރުވާނެ ކަމަށް އެމްއެމްޕީއާރުސީން ލަފާ ކުރެ އެވެ.
ރާއްުޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް ބޮޑެތި މާކެޓުތަކަށް ހާއްސަކޮށްގެން އެމްއެމްޕީއާރުސީން އަންނަނީ ޑެސްޓިނޭޝަން ޓްރެއިނިން ފަދަ ހަރަކާތްތައް ވެސް ހިންގަމުންނެވެ. މީގެ ތެރޭގައި އެ ކޯޕަރޭޝަނުން އިސްނަގައިގެން ރާއްޖެ އިޝްތިހާރު ކުރުމަށް ކުރިއަށް ގެންދިޔަ ފޭސްބުކް ލައިވް އިވެންޓު، "މޯލްޑިވްސް، ދަ ސަން ވިލް ޝައިން އެގެއިން" އާއި ޗައިނާ އަދި އިންޑިއާ މާކެޓަށް ހާއްސަކޮށްގެން ބޭއްވި ވެބިނާތަކާއި ޕާޓާއާ ގުޅިގެން ކުރިއަށްގެންދިޔަ "ޑްރިމް ޓު ޓްރެވަލް ފެސްޓިވަލް" ހިމެނެ އެވެ. މީގެ އިތުރުން ކަޔަކް އާއި ސީއެންއެންއާ ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމަށް އޮންލައިން ހަރަކާތްތައް ވެސް ވަނީ މިއަހަރު ތެރޭ ކުރިއަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޔެ1
02 September 2020
ވަރަށް ސިމްޕަލް. ކޮވިޑު މާލެއިން ނައްތާލަން އުޅެފިއްޔާ މާރަނގަޅު. ކޮވިޑު ފުރަތަމަފެނުނު ޗައިނާއިންވެސް އެކަން ކުރި.