ރާއްޖޭގެ ފްލައިޓުތައް ދެން ޖައްސާނީ ލަންކާގެ ރަޓްމަލަނާ އެއާޕޯޓަށް

ބޯޑަރު ހުޅުވުމުން ރާއްޖެއިން ސްރީ ލަންކާ އަށް ދާ މަތިންދާބޯޓުތައް ޖައްސާނީ ކޮލަމްބޯގެ ރަޓްމަލަނާ އެއާޕޯޓަށް ކަމަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރު ޕްރަސަންނާ ރަނަތުންގާ ވިދާޅުވެއްޖެ އެވެ.


ލަންކާގެ މީޑިއާއާ ބައްދަލުކުރައްވައި ރަނަތުންގާ ވިދާޅުވީ މި ގެނައި ބަދަލާ އެއްގޮތަށް ދަތުރުތައް ފެށުމާ ބެހޭ ގޮތުން، އެ ގައުމުގެ ސަރުކާރުން ރާއްޖޭގެ ބައިނަލްއަގުވާމީ ދެ އެއާލައިން، މޯލްޑިވިއަން އާއި ފްލައިމީއާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ރާއްޖޭގެ އިތުރުން އިންޑިއާގެ ދެކުނުން ދާ ބައެއް ބޯޓުތައް ވެސް ކުރިއަށް އޮތް ތަނުގައި ޖައްސާނީ ރަޓްމަލަނާ އެއާޕޯޓަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދާދިފަހުން ބައިނަލްއަގުވާމީ ދަތުރުތައް ފެށި ފްލައިމީން ވެސް ވަނީ މި ވާހަކަ ދެކެވުނުކަން ކަށަވަރުކޮށްދީފަ އެވެ. ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނާޝިދު ވިދާޅުވިގޮތުގައި އެ އެއާލައިންގެ ފުރަތަމަ ދަތުރު ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރި ނަމަވެސް ކުރިއަށް އޮތް ތަނުގައި ދަތުރުތައް ކުރާނީ ރަޓްމަލަނާ އެއާޕޯޓަށެވެ.

ރާއްޖޭން ދާ މަތިންދާބޯޓުތައް މިހާތަނަށް ދަތުރުކުރީ ކޮލަމްބޯގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާޕޯޓަކީ ދިވެހިން އުޅޭ ސަރަހައްދާ ދުރު އެއާޕޯޓެކެވެ. އެކަމަކު ރަޓްމަލަނާ އެއާޕޯޓަކީ ދިވެހިން އާންމުކޮށް އުޅޭ ސަރަހައްދުތަކާ ކައިރީގައި އޮންނަ ބައިނަލްއަގުވާމީ އެއާޕޯޓެވެ.

ރަޓްމަލަނާ އެއާޕޯޓަށް އިންޓަނޭޝަނަލް ދަތުރުތައް ބޭއްވުމަށް ލަންކާގެ ކެބިނެޓުން މިހާރު ވަނީ ރުހުން ދީފަ އެވެ. އަދި އެ އެއާޕޯޓުން ނަގާ ފީތަކަށް ލުއިދޭން ވެސް ލަންކާ ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ އެއާޕޯޓަކީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުޅުވި އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އެއާޕޯޓެވެ. މިހާރު އެ އެއާޕޯޓު ބޭނުން ކުރަމުން އަންނަނީ އެތެރޭގެ އުދުހުންތަކާއި އަސްކަރިއްޔާގެ އިތުރުން ފްލައިން ސްކޫލް ހިންގުމަށެވެ.

ކޮވިޑް-19ގެ ސަބަބުން ލަންކާގެ ހުރިހާ ބައިނަލްއަގުވާމީ އެއާޕޯޓުތައް ބަންދުކޮށްފައިވާއިރު އަލުން އެއާޕޯޓުތައް ހުޅުވާނީ މި ބަލިމަޑުކަން އެ ގައުމުގައި 100 ޕަސެންޓަށް ކޮންޓްރޯލްވުމުން ކަމަށް އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. މިވަގުތު އެ އެއާޕޯޓުތައް ބޭނުން ކުރަމުން އަންނަނީ އެ ގައުމުގައި ތިބި އެހެނިހެން ގައުމުތަކުގެ މީހުން ގެންދިއުމަށާއި އެހެން ގައުމުތަކުގައި ތިބި ލަންކާ މީހުން ގެނައުމަށާއި ކާގޯ ދަތުރުތަކަށެވެ.