ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މި މަހު އަލުން ފަށަނީ

އިނގިރޭސި ވިލާތުގެ ދެވަނައަށް އެންމެ ބޮޑު އެއާލައިން، ބްރިޓިޝް އެއާވޭސްގެ ދަތުރުތައް މި މަހު 16ގައި އަލުން ރާއްޖެއަށް ފަށަން ނިންމައިފި އެވެ.


އެ އެއާލައިނުން ބުނީ އަލުން ދަތުރުތައް ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ލަންޑަންގެ ހީތުރޯ އެއާޕޯޓާ ދެމެދު ހަފްތާއަކު ތިން ފްލައިޓު ބާއްވާނެ ކަމަށެވެ. އެއީ އާދީއްތަ، ހޯމަ އަދި ބުރާސްފަތި ދުވަހު އެވެ.

ރާއްޖޭގެ އިތުރުން ބާބެޑޯސް އާއި ކޭޕްޓައުން އަދި ބަހުރެއިނަށް ވެސް މި މަހު އެ އެއާލައިންގެ ދަތުރުތައް ފަށަން ވަނީ ހަމަޖައްސައިފަ އެވެ. މި ދަތުރުތަކާ ގުޅޭ ގޮތުން އެ އެއާލައިންގެ ޑިރެކްޓަރު ނެޓްވޯކް އެންޑް އެލަޔަންސް، ނިލް ޗާނޮފް ވިދާޅުވީ މިއީ އަނެއްކާވެސް އިނގިރޭސިވިލާތާއި ދުނިޔޭގެ ގިނަ ގައުމުތަކާ ގުޅާލުމެއް ކަމަށެވެ.

އިނގިރޭސި ވިލާތުން ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ވެސް ބްރިޓިޝް އެއާވޭސް އިންނެވެ. މި އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ 2015 ގަ އެވެ.