ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުން ކަރަންޓީނުވާން ނުޖެހޭ ހޮލިޑޭ ޕެކޭޖެއް ގަތަރު އެއާވޭސް އިން

ރާއްޖޭގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި ގަތަރަށް ދާ ޓޫރިސްޓުން ކަރަންޓީން ވާން ނުޖެހޭ ގޮތަށް ގަތަރު އެއާވޭސް އިން ހޮލިޑޭ ޕެކޭޖެއް ތައާރަފްކޮށްފި އެވެ.


ކޮވިޑް-19 އިން ރައްކާތެރިވުމަށް، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ މީހުން ކަރަންޓީނުވާންޖެހޭ ގޮތަށް އޮތް ނަމަވެސް މި ބަބުލް ހަދާފައިވަނީ މިހާރު ހުރި ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ރާއްޖެއަށް ސޭފް ޓްރެވަލް ސްޓޭމްޕް ލިބިފައިވާތީ އެވެ. މިއީ ޗުއްޓީ ސީޒަނާ ދިމާކޮށް ގަތަރުން ޓްރެވަލް ބަބުލް އެއް ހެދި ފުރަތަމަ ފަހަރެވެ. މި ބަބުލް އޮންނާނީ މި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 7 ޖެނުއަރީގެ ނިޔަލަށެވެ.

ގަތަރު އެއާވޭސް އިން ބުނި ގޮތުގައި މި "ޓްރެވަލް ބަބުލް ހޮލިޑޭސް" ގެ ދަށުން ދަތުރުކުރާ ޓޫރިސްޓުންނަށް ރާއްޖޭގެ ލަގްޒަރީ ދެ ރިސޯޓެއް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ސޭންޑީސް ބަތަލާ އާއި ޑައިމަންޑްސް ތުނޑުފުށި ބީޗް އެންޑް ވޯޓާ ވިލާސް އެވެ.

މި ބަބުލްގައި، ދަތުރުކުރާ ޓޫރިސްޓުން އެނބުރި ގައުމަށް ދިއުމުން ޕީސީއާރު ޓެސްޓެއް ހަދާނެ އެވެ. އަދި ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަރަންޓީނު ވާކަށް ނުޖެހޭނެ އެވެ.

ގަތަރުން މިހާރު ވަނީ ކޮވިޑް-19 ގެ ގްރީން ލިސްޓުގައި ވެސް ރާއްޖެ ހިމަނައިފަ އެވެ.

ގަތަރު އެއާވޭސް އިން ވަނީ އެ އެއާލައިންގެ ވެބްސައިޓާއި ބައެއް ޓްރެވަލް އެޖެންޓުން މެދުވެރިކޮށް، ޓްރެވަލް ބަބުލް ހޮލިޑޭސް އަށް ބުކިން ހެދުމުގެ ފުރުސަތު އިއްޔެ އިން ފެށިގެން ޑިސެމްބަރު 24 ގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

ރާއްޖެއަށް އަންނަ ކޮންމެ ޓޫރިސްޓަކު ވެސް ކޮވިޑް-19 އަށް ނެގެޓިވްކަން އަންގައިދޭ ޕީސީއާރު ޓެސްޓު ނަތީޖާއެއް ގެންނަން ޖެހޭނެ އެވެ. މި ޓެސްޓަކީ ފުރުމުގެ 72 ގަޑިއިރު ތެރޭގައި ހަދާފައިވާ ޓެސްޓަކަށް ވާން ޖެހޭނެ އެވެ.

ގަތަރުގެ މައި އެއާލައިން، ގަތަރު އެއާވޭސް އަކީ މިހާރު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް އެއާލައިނެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލުމާއެކު އެންމެ ފުރަތަމަ ވީއައޭގައި ޖެއްސީ ވެސް އެ އެއާލައިނުގެ ބޯޓެކެވެ.