ކޮވިޑް-19 އަށް ފަހު އެއް ދުވަހެއްގެ ތެރޭގައި 4،700 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްގެން، އިއްޔެ އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.
ކޮވިޑްގެ ކުރިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ރާއްޖޭގެ ޕީކް ސީޒަންގެ އެންމެ ބިޒީ ދުވަސްތަކުގެ ހަނދާންތައް އާވި މި އަދަދަކީ، ޓޫރިޒަމްގެ އާ ފެށުން ކާމިޔާބުވާކަމުގެ ވަރަށް ބޮޑު ހެއްކެކެވެ.
އިއްޔެ ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދަކީ 4،760 އެވެ. އަދި ކުރިއަށް އޮތް ނުވަ ދުވަހު ވެސް ގާތްގަނޑަކަށް 4،000 ގައި ޓޫރިސްޓުންގެ އަަދަދު ހިފަހައްޓާލެވޭނެކަމުގެ އިޝާރާތެއް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވަނީ ދެއްވައިފަ އެވެ.
ވާޗުއަލްކޮށް ބާއްވާ މެރިން އެކްސްޕޯ ހުޅުވައިދެއްވަމުން ދެއްކެވި ވާހަކާގައި ޑރ. މައުސޫމް ވިދާޅުވީ ކުރިއަށް އޮތް 10 ދުވަހު 40،000 ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށެވެ. އޭނާގެ އެ ވާހަކަ ބިނާކުރެއްވީ ދުވާލަކަށް ގާތްގަނޑަކަށް 4،000 ޓޫރިސްޓުންގެ ނިސްބަތުންނެވެ.
ކޮވިޑްގެ ކުރިން ވީއައިއޭގެ އެންމެ ބިޒީ ދުވަސްތަކުގައި އެވްރެޖްކޮށް އައިސްފައި ވަނީ 4،000-5،000އާ ދެމެދުގެ އަދަދެއްގެ ޓޫރިސްޓުންނެވެ.
އިއްޔެ އާ ރެކޯޑެއްގެ އަދަދުތަކެއް ފެނުނު އިރު، އޭގެ ކުރީ ދެ ދުވަހު ވަނީ 3،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. އެހެންކަމުން މި މަހު 17 އިން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކޮންމެ ދުވަހަކު އެއަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް، ޓޫރިޒަމް ދާއިރާގެ މީހުން ލަފާކުރެ އެވެ.
ކްރިސްމަސް އާއި އާ އަހަރާ ދިމާކޮށް ރާއްޖޭގެ ބައެއް ރިސޯޓްތަކާއި ގެސްޓް ހަައުސްތައް ވަނީ ފުރިފަ އެވެ. ޓޫރިޒަމްގެ މި ތިޔާގިކަން، މިހާރު ފެންނަ ގޮތުގައި، އަންނަ މަހުގެ ނިޔަލަށް ކުރިއަށް ދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އަދި ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު ވެކްސިންތަކެއް ދޭން ފަށާފައި ވާތީ އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމާ މެދު ބޮޑު އުއްމީދެއް ވެސް މިހާރު ވަނީ އުފެދިފަ އެވެ.