އިންޓަނެޓަށް މައްސަލަ ދިމާވަނީ ޑީޑޮސް ހަމަލާތަކަކާ ހެދި: ދިރާގު، އުރީދޫ

އިންޓަނެޓުގެ ހިދުމަތް މެދުކެނޑި، ސްޕީޑު ލަސްވުން ފަދަ ކަންކަން މި ދުވަސްވަރު އާއްމުވެފައި ވަނީ ޑީޑޮސް ހަމަލާތަކެއްގެ ސަބަބުން ކަމަށް ދިރާގާއި އުރީދޫން ރޭ ބުނެފި އެވެ.


ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދޭ ދެ ކުންފުނިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނި ގޮތުގައި ޑީޑޮސް ހަމަލާތަކެއްގެ އަސަރު އެ ދެ ކުންފުންޏަށް ވެސް ވަނީ ކޮށްފަ އެވެ. މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ފިޔަވަޅު އަޅާފައިވިޔަސް، ދެ ކުންފުނިން އިންޓަނެޓް މެދުވެރިކޮށް ދޭ ހިދުމަތްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދިރާގާއި އުރީދޫން ބުންޏެވެ.

"އެހެންކަމުން، އުރީދޫ އަދި ދިރާގުން ވެސް މަސައްކަތް ކުރަމުން މި ދަނީ އެ ކުންފުންޏެއްްގެ ސިސްޓަމްތައް އިތުރަށް ވަރުގަދަކޮށް، މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން އިތުރު ފިޔަވަޅުތަކެއް އެޅުމަށެވެ،" ބަޔާނުގައިވެ އެވެ.

އޭޑީއެސްއެލް އަދި މޮބައިލް އިންޓަނެޓް ބޭނުންކުރުމުގައި މި ދުވަސްވަރު ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ. އޭގެ ތެރޭގައި، އިންޓަނެޓުގެ ހިދުމަތް ދޭތެރެ ދޭތެރޭން މެދުކެނޑުމާއި ސްޕީޑު ވަރަށް ބޮޑަށް ސްލޯވުން ފަދަ ކަންކަން ހިމެނެ އެވެ.

އިންޓަނެޓްގެ ހިދުމަތްތަކަށް ބުރޫ އަރާފައި ވާއިރު، ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިންގެ ހިދުމަތް ވެސް މީގެ ދުވަސްކޮޅެއް ކުރިން އެއްކޮށް މެދުކެނޑުނެވެ. އީބޭންކިން ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އިންޓަނެޓް ބޭންކިން ހިދުމަތް މިހާރު ލިބުނަސް، އަދިވެސް ހިދުމަތް ހޯދުމުގައި ބައެއް ފަހަރު ކުދިކުދި މައްސަލަތައް ކުރިމަތިވެ އެވެ.

ރާއްޖޭގައި ދެމުން އަންނަ އިންޓަނެޓާ ގުޅުން ހުރި ހިދުމަތްތަކަށް ބުރޫ އަރާފައި މި ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް އިންޓަނެޓުގެ ހިދުމަތް ދޭ ފަރާތްތަކަށް ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްގަ އެވެ. އެ ގޮތުން، ޑީޑޮސް އެޓޭކްތަކެއްގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑެތި ވެބްސައިޓުތައް މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ޑައުންވި އެވެ.