މީރާއިން ބަޔަކު ހިދުމަތް ހޯދަނީ: މިދުވަސްވަރު އޮންލައިންކޮށް ހިދުމަތް ހޯދަން މީރާއިން އިލްތިމާސް ކުރޭ--
07 ޖޫން 2021 - 13:07
އިންކަމް ޓެކްސް ބަޔާން ހުށަހެޅުމަށާއި ފައިސާ ދެއްކުމަށް އިތުރު ވަގުތު ދީފައިވާ ކަމަށް މީރާއިން މިއަދު ބުނެފި އެވެ.
މީރާއިން ބުނީ މިހާރު އިންކަމް ޓެކްސް ދައްކަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ އަންނަ އޮގަސްޓު މަހުގެ 31 ވަނަ ދުވަސް ކަމަށެވެ. އަދި މިއަހަރު ހުށަހަޅަން ޖެހޭ ފުރަތަމަ އިންޓެރިމް ބަޔާނާއި އިންޓެރިމް ފައިސާ ދެެއްކުމުގެ މުއްދަތު ސެޕްޓެމްބަރު މަހުގެ 31 އަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
އިންކަމް ޓެކްސް ދައްކާ ސުންގަނޑި އިތުރުކުރީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ޓެކްސް ދައްކާ މީހުންނަށް ދަތިތަކާ ދިމާވެފައިވާތީ އެކަމަށް ލުއި ދިނުމަށް ކަމަށް މީރާ އިން ބުންޏެވެ. އަދި މި ދުވަސްވަރު ޓެކްސް ބަޔާނާއި ފައިސާ ދައްކާ މީހުންނަށް "މީރާ ކަނެކްޓް" މެދުވެރިކޮށް އެ ހިދުމަތް ހޯދޭނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދިއުމާ ގުޅިގެން މީރާއިން ވަނީ ޓެކްސް ބަޔާނާއި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ހިދުމަތް ހޯދަން އިލްތިމާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy