ސަރުކާރުގެ އެންގުމާ އެއްގޮތަށް އާރުއޯއެލް އިން ވެސް އިންޓަނެޓު އަގުހެޔޮކުރާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އާރުއޯއެލް އިން ބުނީ އެ ކުންފުނިން މިހާރު ފޯރުކޮށްދޭ ގިގަފައި ހޯމް ފައިބަ ޕްލޭންތަކަށް ހެޔޮ ބަދަލުތަކެއް ގެންނާނެ ކަމަށެވެ. މި ބަދަލުތައް އަންނަ ޖުލައި މަހު ގެނެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިދިޔަ މަހު ސަރުކާރުން ވަނީ އަންނަ މަހުން ފެށިގެން އިންޓަނެޓު އަގުހެޔޮވާނެ ކަމަށް އިއުލާން ކޮށްފަ އެވެ. މި ބަދަލުތަކާ އެކު ޕެކޭޖުތަކުގެ ޑާޓާ ހުސްވިޔަސް ތުރޮޓުލް ސްޕީޑް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި 300ރ. އަށް ވުރެ މަތީގެ ޕެކޭޖުތަކުގެ ތްރޮޓަލް ސްޕީޑް 5 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
މޯބައިލް އިންޓަނެޓްގެ ހިދުމަތުގެ އަގު ހެޔޮކުރަން ސަރުކާރުން ނިންމާފައި ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެންނެވެ.
ފޭސްތަކަކަށް ބަހާލައިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު ފުރަތަމަ ފޭސްގައި 28-30 ޕަސެންޓް ހެޔޮވާނެ ކަމަށާއި އަދި ހިދުމަތަށް ބަދަލު ގެނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.