އާރުއޯއެލްގެ ގިގަފައި ހޯމް ފައިބަ ޕްލޭންތަކަށް ބޮޑެތި ބަދަލުތަކެއް މި މަހުން ފެށިގެން ގެނެސްފި އެވެ.
މި ބަދަލުތަކާ އެކު މިހާރު ބައެއް ޕެކޭޖުތަކުން 200 ޕަސެންޓާ ހަމައަށް އެލަވެންސް ވަނީ އިތުރުކޮށްފަ އެވެ. އަދި ހުރިހާ ޕެކޭޖެއްގެ ސްޕީޑު ވަނީ 100 ޕަސެންޓަށް އިތުރުކޮށްފަ އެވެ.
އެ ކުންފުނިން ވަނީ ޕްލޭންތައް އަޕްގްރޭޑު ކުރުމާ އެކު އާ ފީޗާތަކެއް ވެސް ހިމަނައިފަ އެވެ. އެގޮތުން، ދަންވަރު ސްޕީޑު އިތުރުވާ ފީޗާއެއް މިހާރު ވަނީ ހިމަނައިފަ އެވެ. މި ފީޗާގެ ދަށުން ދަންވަރު 12:00 އިން ހެނދުނު 8:00 އަށް އާއްމުކޮށް ސްޕީޑު ހުންނަ ވަރަށްވުރެ ބާރުވާނެ އެވެ.
މި ބަދަލާ އެކު ގިގަފައި ހޯމް ފައިބަ ކަސްޓަމަރުންނަށް އެލަވެންސް ހުސްވުމުން ތްރޮޓަލް ސްޕީޑު 5އެމްބީޕީއެސްއަށް ވުރެ ދަށްނުވާނެ އެވެ.
މީގެ އިތުރުން އަލަށް ތައާރަފުކުރި "މައި އާރުއޯއެލް ޑޭޝްބޯޑް" އާ އެކު ޑޭޓާ ބޭނުންކުރެވޭ މިންވަރު ލައިވްކޮށް ބަލައިލެވޭނެ އެވެ. އަދި އޮންލައިންކޮށް ބިލް ދައްކައި އެ ކުންފުނީގެ އެކި ހިދުމަތްތަކަށް އެދެވޭނެ އެވެ.
އާރުއޯއެލް އިން ބުނީ އެ ކުންފުނީގެ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ބޭރުގެ ބައެއް ފަރާތްތަކާ އެކު މި މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އާރުއޯއެލްގެ ގިގަފައިއާ ބެހޭ މައުލޫމާތު ހޯދަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ވެބްސައިޓު މެދުވެރިކޮށް ނުވަތަ ހޮޓްލައިން 133 އަށް ގުޅައިގެން މައުލޫމާތު ލިބޭނެ އެވެ.