މިދިޔަ މަހު އައި ޓޫރިސްޓުންގެ އަދަދު 11 ޕަސެންޓް އިތުރުވެއްޖެ

މިިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 11.4 ޕަސެންޓް އިތުރުވެ، މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 1.06 މިލިއަން ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ އެވެ.


ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާއްމު ކުރި މިދިޔަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ރާއްޖެ އަށް 117،489 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ އައި 105،498 ޓޫރިސްޓުންނަށް ވުރެ 11.4 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ މަހު އައި ޓޫރިސްޓުން އިތުރުވެފައި ވާ އިރު، މިދިޔަ މަހުގެ ނިޔަލަށް 1.06 މިލިއަން ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 1.02 މިލިއަން ޓޫރިސްޓުންނަށް ވުރެ 3.6 ޕަސެންޓް އިތުރު އަދަދެކެވެ.

އެކަމަކު، އެއް ގައުމަކުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް މިދިޔަ މަހު ވެސް ދިޔައީ ދަށަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާ އިން 30،714 މީހުން ރާއްޖެ އަޔަސް، މިދިޔަ މަހު އެ އަދަދު ވަނީ 4.1 ޕަސެންޓް ދަށްވެ، 29،444 މީހުންނަށް ތިރިވެފަ އެވެ. އަދި ޗައިނާ އިން ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި ހިއްސާ ކުރާ މިންވަރު ވެސް ވަނީ 25.1 ޕަސެންޓަށް ދަށް ވެފަ އެވެ.

ޗައިނާ މާކެޓް ދަށަށް ދިޔަސް، ދެކުނު އޭޝިއާ ސަރަހައްދުން ހޯދަމުން އަންނަ ކުރިއެރުން މިދިޔަ މަހު ވެސް ވަނީ ދަމަހައްޓައިފަ އެވެ. އެ ގޮތުން، އިންޑިއާ އިން އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައި ބަލާއިރު މިދިޔަ މަހު 45.1 ޕަސެންޓް އިތުރުވެ، 6،301 އަށް އަރާފައި ވާ އިރު، މި އަހަރުގެ މިހާތަނަށް ބައި ލައްކަ އަށް ވުރެ ގިނަ އިންޑިއާ މީހުން ޗުއްޓީ ހޭދަކުރަން ރާއްޖެ އަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު 26.4 ޕަސެންޓް އިތުރު އަދަދެކެވެ.

މީގެ އިތުރުން، އަހަރުތަކަކަށް ފަހު ރަނގަޅުވާން ފަށާފައިވާ ޔޫރަޕް މާކެޓުން ވަނީ މިދިޔަ މަހު ވެސް ކުރިއެރުންތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ޔޫރަޕް މާކެޓުގެ އެންމެ މުހިއްމު އެއް ގައުމު ކަމަށްވާ އިނގިރޭސި ވިލާތުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅައި ބަލާއިރު މިދިޔަ މަހު ވަނީ 18 ޕަސެންޓް އިތުރުވެ، 9،111 އަށް އަރައިފަ އެވެ. އަދި އިޓަލީ އާއި ފްރާންސް ފަދަ ރާއްޖޭގެ އެންމެ ޒަމާންވީ މާކެޓްތަކުން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ.

މި އަހަރު 1.5 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް ކުރިން ލަފާކުރިޔަސް، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ މާކެޓް ވަރަށް ބޮޑަށް ދަށްވުމުން މިދިޔަ އަހަރެކޭ އެއްވަރަށް 1.4 މިލިއަން ޓޫރިސްޓުން ގެންނަން މިހާރު ވަނީ އަމާޒު ހިފައިފަ އެވެ.

އަންނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ރަނގަޅުކޮށް، ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެ ގޮތުން، ގިނަ ފެއާތަކެއްގައި ބައިވެރިވުމާއި ރާއްޖޭގައި ބައިނަލްއަގުވާމީ ޓޫރިޒަމް ފެއާއެއް ބޭއްވުމުގެ އިތުރުން ޓޫރިޒަމް އިޝްތިހާރު ކުރުމަށް ގެންގުޅޭ އުސޫލުތައް ބަދަލުކުރުން ހިމެނެ އެވެ.